އެޗްއީއޯސީގެ ޕްރެސް މިއަދުން ފެށިގެން ހަވީރު 04:30 ގައި

ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ ) ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ގަޑިއަށް ބަދަލު ގެނެސްފިއެވެ. މިހާތަނަށް އެޗްއީއޯސީން ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން އައީ ކޮންމެ ރެއަކު 10:30 ގައެވެ. އެހެންނަމަވެސް މިއަދު ފެށިގެން މި ޕްރެސް ކޮންފަރެންސް އޮންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހަވީރު 04:30 ގައެވެ.

ދުނިޔެއިން ކޯވިޑް ފެނުމުން އެކަމަށް ތައްޔާރުވި ހިސާބުން ނޭޝަނަލް ހެލްތް އެމްޖެންސީ އޮޕރޭޝަން ސެންޓަރެއް ޤާއިމުކުރައްވާ އެތަނުން ކޮންމެ ރެއަކު އައީ ރާއްޖޭގެ މި ބަލީގެ ހަލާތާއި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާކުރައްވަމުންނެވެ. އޭރު އެސެންޓަރުގެ ތަރުޖަމާނުގެ ގޮތުގައި ކޮންމެ ރެއަކުވެސް މައުލޫމާތު ދެއްވަމުން ގެންދަވީ މުހައްމަދު މަބްރޫކް އަޒީޒެވެ.

ރާއްޖޭގެ ކޯވިޑް ކޭސްތައް ފެންނަ އަދަދު މަދުވެ ދިން ލުއިތަކާއިއެކު މި ޕްރެސްތައް ބާއްވަމުން ދިޔަ ގޮތަށް ބައެއް ބަދަލުތައްވަނީ ގެނެސްފައެވެ. އަދި ފަހުން ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރަށް ބަދަލުކުރައްވާ މައުލޫމާތުދެއްވަމުން އައީ އެތަނުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގެވެ. އެހެންނަމަވެސް މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުގެ ބަލީގެ މުހިއްމު މައުލޫމާތުތަކާއި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޗްއީއޯސީން ކޮންމެ ރެއަކު އަންނަނީ ޕްރެސް ބާއްވަމުންނެވެ. އަދި ޕްރެސްތައް ލީޑް ކުރައްވަނީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒްއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އައިސް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަަދު 1000 މަތީގައި ހުންނަތާ މިވަނީ މަަހަކާއި ގާތްވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 120 މައްޗަށް އަރާފައެވެ.

ބަލީގެ ހާލަތު ގޯސްވުމުން ސަރުކާރުން އަންނަނީ ބަލިން ރައްކާތެރުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!