ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިއްޖެއެވެ.

އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށައިފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމްޓީސީސީ އިން ވިދާޅުވީ  އެއަރޕޯޓުގެ މަސައްކަތުގެ ދުވެލި އަވަސްކުރުމަށްޓަކައި ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެރަށަށް ގެންގޮސްފައިވާއިރު، މި ފެށޭ ޖޫންމަހުގެ ތެރޭގައި ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ހިލައާއި ހިލަވެލި ގެންގޮސް، އެމަސައްކަތް ފެށޭވަރުވާނެކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކައިފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނޭއެވެ. މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!