ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލައިފިއެވެ.

މާފަންނު ލެމަންގްރާސް ހުންނަ މަގުގައި އެ ރޭ 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ ވިނަރެސް، އާދަމް ވިޝާން 18 އަހަރާއި ހދ. ވައިކަރަދޫ މިލާފަރު، އަލީ ރަޝީދު 23 އަހަރެވެ.

އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ރަހީނުކޮށް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމައި، މިމަހުގެ 17 ވަނަ ދުވަހު މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.

އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. ހަަމައެހެންމެ، އެ މީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައި ވަނީ އަންހެންމީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށް ކަމަށް ޝަފީއު ވިދާޅުވެއެވެ.

މިމައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ވެސް ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. އަދި ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!