ތަހުޤީޤުކުރުމަށޭ ކިޔަފާއި ހައްޔަރުކުރުމަކީ ޤާނޫނު ދަންނަކަމެއް ނޫން: ޝަމީމް

ހަމައެކަނި ޖިނާޢީ ތަހުޤީޤުކުރުމަށްކަމަށް ބުނެ ހައްޔަރުކުރުމަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަކަމެއް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްސަލަ ތަހުޤީޤްކުރަމުންދާއިރު، އޭނާ ހައްޔަރު ނުކުރަނީ ކީއްވެތޯ ބުނެ ގިނަ ބަޔަކު ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޤާނޫނީގޮތުން އުފެދޭ ބަހުސްތަކުގައި، ދެކެވަޑައިގަންނަވާ ގޮތް އަމިއްލަފުޅު ބްލޮގްގައި އާއްމުކުރައްވަމުންގެންދަވާ، ޕްރެސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވަނީ ޖިނާއީ ތަހުޤީޤަށް މީހުން ބަންދުކުރުމުގެ އުސޫލު ކުރިން އޮންނަ ގޮތާއި މިހާރު އޮންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުގެ ބްލޮގްގައި އާޓިކަލެއް ލިޔުއްވާފައެވެ.

“ޖިނާއީ ޢަދުލުގެ ނިޒާމައަކީ، މީހަކު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކާމެދު ފިޔަވަޅު އަޅާ ނިޒާމު. މިނިޒާމުގެ ތެރޭގައި ހިމެނެނީ، މީހަކު ކުށެއް ކުރާކަމަށް ތުހުމަތުވާ ވަގުތުން ފެށިގެން، އެމީހާގެ މައްޗަށް ތަޙްޤީޤު ހިންގާ، ދަޢުވާކޮށް، ޝަރީޢަތް ހިންގާ، ޝަރީޢަތުން ކުރާ ޙުކުމް ތަންފީޒުކުރުމާ ހަމައަށް ހިނގާ ހުރިހާކަމެއް” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރީގެ ނޫ ގާނޫނުއަސާސީ އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުޠްލަޤު ބާރު ފުލުހުންނަށް ލިބޭކަމަށެވެ. އެއަށްފަހު، ތަޙްޤީޤުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 3 މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް. (ޖުމްލަ 23 ދުވަހަށް) މުއްދަތު ޖަހާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ މައްސަލަ ބަލަން ޖިނާއީ ކޯޓެއް އޭރު ހުރިނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ޢައްޔަނު ކުރައްވަން އޭރުގެ ރައީސަށް ފެނިވަޑައިގަތީ ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރެއްކަމަށެވެ. އެގޮތުން ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރު އެކަން ކުރެއްވިއިރު، ބަންދު މީހާ ހާޒިރު ނުކުރާކަމަށާއި، ގެންނަވަނީ މައްސަލައިގެ ލިޔުންތައް އެކަނިކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ފުލުހުން މުއްދަތު އިތުރު ކުރަން ގެނައި އެއްވެސް މީހެއްގެ ބަންދަށް މުއްދަތު ޖަހައިދޭން އޭރު އެއްގޮތަކަށްވެސް ދެކޮޅު ހަދާފައިނުވާކަން އެމަނިކުފާނު ހެއްދެވި ދިރާސާއަކުން ދައްކާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރިން އޮތްގޮތުން ތަޙްޤީޤަށް ބަންދުކުރާ މީހެއްގެ ބަންދާމެދު އެއްވެސް މަރްޙަލާއެއްގައި ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހިގެން ބަންދުގައި ހުރި މީހާއަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް އޭރު ނޯންނަކަމަށެވެ.

ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީއާއެކު ހައްޔަރުކުރުމާއިބެހޭ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެގޮތަށް ޤާނޫނުއަސާސީގައި ލިޔުނުކަމަށާއި އަދި މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭގޮތަށް ޤާނޫނުގައި ލިޔުނުކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ “ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި” 53 ދުވަހަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު މިހާރު ހިޖުރަކޮށްފައިވާކަމަށެވެ. އަދި ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!