ފްލޫ ކްލިނިކް ހިންގުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް

ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން ޑޮކްޓަރަށް ދެއްކުމާއި ފްލޫ ކްލިނިކްތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ހެލްތު މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ ގިނަ ބަޔަކަށް ބަލި ޖެހެމުންދާތީ އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެ މީހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ޑޮކްޓަރަށް ދައްކަން ހަމަޖައްސާފައިވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާ މީހުންނަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލަކުން އަންގަން އެދިފައިވެއެވެ.

އޭގެފަހުން އެ މިނިސްޓްރިން ރޭ ކުރި ދެ ވަނަ އިއުލާނުގައި ވަނީ ހަލުވިކަމާއެކު ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ، އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވައިލަން ނިންމައިފައެވެ. ފްލޫ ކްލިނިކްތައް ހިންގަން ވާނީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއިން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތް ސަރުކާރުން ކަނޑައަޅާ އަގެއްގައެވެ.

ފްލޫ ކްލިނިކް ހިންގަން ޝައުގުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރަން ވަނީ ހުޅުވާލައިފައެވެ.

ރާއްޖޭގައި، އަދި ޙާއްސަކޮށް މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ހާލަތު ވަަރށް ބޮޑަށް ގޯސްވެފައި އޮތްއިރު، ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ހަމައެހެންމެ، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މި މަހު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިމަހުގެ މިހާތަނަށް އެކަނި 47 މީހުން ވަނީ މަރުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!