ސާރާ އަލީ ޚާން، އޭނާގެ ދޮންމަންމަ ކަރީނާއަށް މުޚާތަބުކުރަނީ ކިހިނެއް؟

ކަރީނާ ކަޕޫރާއި ސާރާ އަލީ ޚާނަކީ ވަރަށް ހުނަރުވެރި، ބޮލީވުޑްގެ ކާމިޔާބު ދެ ބަތަލާއިންނެވެ. މިދެތަރިންގެ މެދުގައި އާއިލީ ގުޅުމެއްވެސް އޮވެއެވެ. ކަރީނާއަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާންގެ މިހާރުގެ އަނބިމީހާ ކަމަށްވުމުން، އާއިލީ ގޮތުން ކަރީނާއަކީ ސާރާގެ ދޮންމަންމައެވެ. އެކަމަކު، ދޮންމަންމައަކާއި ދޮންދަރިއެއްގެ މެދުގައި އޮންނަ ގުޅުމަށްވުރެ، އެދެމީހުންގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަމެކެވެ.

އެ އެކުވެރިކަން އެތައް އިންޓަވިއުތަކަކުން ވަނީ ފެނިގެންގޮސްފައެވެ. އޭގެތެރެއިން އެއްފަހަރު “ކޮފީ ވިތު ކަރަން” ޝޯގައި ސާރާ ބައިވެރިވުމުން އޭނާއާ ކުރެވުނު ސުވާލަކީ، ކަރީނާއާ ދިމާއަށް މުޚާތަބު ކުރަނީ ކޮންނަމަކުންތޯ އެވެ. މި ސުވާލަށް ޖަވާބުދެމުން 25 އަހަރުގެ ބަތަލާ ބުނީ، އެހެން ކުދިން އެކުދިންގެ ދޮންމަންމައަށް “ޗޯޓީ މާ” (ކުޑަ މަންމަ) ފަދަ މައިވަންތައް ނަންތަކުން މުޚާތަބުކޮށް ހެދިޔަސް، އޭނާ މުޚާތަބު ކުރަނީ ކަރީނާގެ އަސްލު ނަމުން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ސާރާ ބުނީ، އޭނާ ކަރީނާ ދެކެނީ ގާތް އެކުވެރިއެއްގެ ނަޒރުން ކަމަށްވާތީއެވެ.

މީގެ އިތުރުން ބައްޕަ ސައިފް، ސާރާގެ މަންމަ އަމްރީތާ ސިންގާ ވަރިވެ، ކަރީނާއާ ކައިވެނިކުރިޔަސް ސާރާގެ ހިތުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް ބުންޏެވެ. އޭގެ ބަދަލުގައި އޭނާ ދެކެނީ، ދެ އާއިލާ ލިބިފައިވުމުން ވަަރަށް ނަސީބުވެރި މީހެއްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ.

ކަރީނާއާއި ސާރާގެ އުމުރުގައި ވަނީ 15 އަހަރުގެ ފަރަގެވެ. އަދި ކަރީނާ ބޮލީވުޑްގައި މަސައްކަތްކުރާތާ އަހަރުތަކެއް ވެފައިވާއިރު، ސާރާ އެ ދާއިރާއަށް ނުކުތީ 2018 ގައެވެ. ސާރާ ހާމަކުރާ ގޮތުގައި، އޭނާގެ ފިލްމީ ކެރިއަރުގައި ކަރީނާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!