ބައްޕަ، ސްރީދޭވީއާ ކައިވެނިކުރުމުން ރުޅިއާދެވުނު: އަރްޖުން ކަޕޫރު

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރު، އެކްޓްރެސް ސްރީދޭވީއާ ދެވަނަ ކައިވެންޏެއް ކުރުމުން ހިތްހަމަނުޖެހުނު ކަމަށް ބޯނީ ކަޕޫރުގެ ދޮށީ ދަރިފުޅު އަދި ހުނަރުވެރި އެކްޓަރު އަރްޖުން ކަޕޫރު ބުނެފިއެވެ.

އަރްޖުން އަކީ ބޯނީ ކަޕޫރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެކުދިންގެ ތެރެއިން އެކަކެވެ. އެގޮތުން ބޯނީ 1983 ގައި މޯނާ ޝޯރީ ކަޕޫރާ ކުރި ކައިވެނި، 1996 ގައި ނިމުމަކަށް އައީ އޭރު ވިދަމުންދިޔަ ބަތަލާ ސްރީދޭވީއާ ލޯބީގެ ގުޅުމެއް ބާއްވައިގެނެވެ. ސްރީދޭވީ ކައިވެނިން ބޭރުން ބަލިވެއިނުމުން، ބޯނީ ކަޕޫރު ވަނީ ހަމަ އެ އަހަރު އޭނާއާ ކައިވެނިކޮށްފައެވެ.

ކޮންމެއަކަސް، މޯނާއަށް އެވަރުގެ ލަނޑެއް ދީފައި ވަރިކުރުމުން އެކަމުގެ ނަފްރަތު އަރްޖުންގެ ހިތުގައި އޮތީ އުފެދިފައެވެ. އަދި އެކަމާ ބެހޭގޮތުން ކުރިންވެސް އިންޓަވިއުތަކުގައި ވާހަކަދައްކާފައި ވެއެވެ. އަރްޖުން ބުނީ، އޭނާއާއި އޭނާގެ ކޮއްކޮ އަންޝޫލާ ކުޑައިރު ބައްޕަ އެމީހުންގެ އާއިލާ ރޫޅާލާފައި އެހެން އަންހެނެއްގެ އަވައިގައި ޖެހިގެން ދިޔުމުން އޭނާއަށް މާފުކުރުން ވަރަށް ދަތިވި ކަމަށެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ވެސް އަރްޖުން ވަނީ އެ މޭރުމުން ވާހަކަދައްކައިފައެވެ. އޭނާ ބުނީ، ސްރީދޭވީ (2018) ގައި މަރުވުމާ ހަމައަށް ވެސް އޭނާއާ އަނގައިން ބުނެފައެއް ނުވާނެއެވެ. އަދި އޭގެކުރިން، ސްރީދޭވީއާއި ބޯނީ ކަޕޫރަށް ލިބިފައިވާ ދެކުދިން ކަމަށްވާ ޖާންވީ އާއި ޚުޝީ އާ ވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އެކަމަކު އެދެކުދިންގެ މަންމަ މަރުވުމުން އެމީހުންނަށް ހިތްވަރުދޭން ކައިރީގައި ހުންނަން އަމިއްލަ ޒަމީރު ބާރުއަޅަމުން ދިޔަކަމަށެވެ. އެއީ މުޅިންވެސް، އަރްޖުންގެ މަންމަ މޯނާ ދީފައިވާ ތަރުބިއްޔަތުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ.

ސްރީދޭވީގެ ޖަނާޒާގައި އަރްޖުން ބައިވެރިވިއެވެ. އަދި ޖާންވީ އަށާއި ޚުޝީއަށް ހިތްވަރުދިނުމުގައި އޭނާ ހުރިތަން ފެނިގެންދިޔައެވެ. ހަމައެހެންމެ، އެދުވަހަށްފަހު އަރްޖުން ވަނީ ޖާންވީއާއި ޚުޝީއާ ގުޅުން ބަދަހިކޮށް، ވާހަކަދައްކަން ފަށައިފައެވެ.

“ބައްޕަ ސްރީދޭވީއާ ކައިވެނިކުރުން އަހަންނަކަށް އޯކޭއެއް ނުވި. އެކަމަކު މިހާރު ވިސްނާލީމަ ކޮންމެވެސް ވަރަކަށް ބައްޕަގެ އިހުސާސްތައް އެނގޭ. އެ އުމުރަށް ދިޔައިމަ ދިރިއުޅުމުގަ ވަރަށް އެހެންކަހަލަ ނިންމުންތައް ނިންމަންޖެހޭނެ ކަން އެނގޭ. އެކަމަކު އަދިވެސް އަހަންނެއް ނުބުނާން، އެއީ އާންމުކޮށް ހިނގާ ކަމެކޭ، އެހެންވީމަ އޭގެ އެއްވެސް މައްސަލައެއް ނެތެކޭ”، އެ އިންޓަވިއުގައި އަރްޖުން ބުނެފައިވެއެވެ.

އަރްޖުން، 35، ކުޅެފައިވާ އެންމެފަހުގެ ފިލްމު “ސަރްދާރް ކާ ގްރޭންޑްސަން” ވަނީ ދާދިފަހުން ޕްރިމިއާ ކޮށްފައެވެ. އަދި އެ ފިލްމަށް އަންނަނީ ބެލުންތެރިންގެ ތަރުހީބު ލިބެމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!