ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލްތަކަށް ޕާކް ނުކުރެވޭ ގޮތް ހަދަައި، އެ ތަނުގެ ބަދަލުގައި ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން ބޭނުންކުރަން ފަށައިފިއެވެ.

ނީލޯފަރު ހިނގުމުގެ ޕާކިން ޒޯން ނެގީ، ނަޝީދަށް ސެކިއުރިޓީ ދޭން ދަތިވެގެން އެ ތަން ނަގަން އެމްއެންޑީއެފުން އެދިފައިވާތީ، އެކަން މާލޭ ސިޓީ ކައުންސިލުން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ގެނައިތާ ދެމަސް ފަހުންނެވެ. މި ފިޔަވަޅު އަޅަން އެމްއެންޑީއެފުން އެދިފައި އޮތްކަން ސިޓީ ކައުންސިލުން އެ މިނިސްޓްރީއަށް ލިޔުމުން އެންގީ، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ މާ ކުރިން، މި އަހަރުގެ މާޗު މަހުގައެވެ. ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން އެ ސިޓީ ވަނީ މީޑިއާއަށް ތިލަވެފައެވެ.

މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ރޭގައި އެއްކޮށް ނިންމާލައިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މިތަނުގައި ސައިކަލާއި ކާރު ވެސް ޕާކް ކުރެވޭނެ ކަމަަށް އޭނާ ވިދާޅުވިއެވެ.

ބިއްލޫރިޖެހިގޭ ޕާކިން ޒޯން ހުޅުވުމާއެކު، ނީލޯފަރު ހިނގުމުގެ އިތުރުން މަޖީދީ މަގުގެ ސިީކްރެޓް ރެސިޕީ ހުންނަ ހިސާބުން އަލިކިލޭގެފާނުމަގާ ހަމައަށް އެ މަގުގައި ވެހިކަލް ޕާކެއް ނުކުރެވޭނެއެވެ. އެގޮތުން މިހާރުވެސް އެ ހިސާބުގައި ފުލުހުން ވަނީ ޕާކްކުރުން މަނާކޮށް ކޯނާއި ޓޭޕް ދަމައިފައެވެ.

މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައި ވަނީ، ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ފެށީ ޕްލޭނިން މިނިސްޓަރީން ހުއްދަދިނުމުން ކަމަށެވެ. އަދި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން ވެސް ކުރަން ރާވައިފައި އޮތް އެ މަސައްކަތް ނުކުރެވި ލަސްވެފައި އޮތީ ޕްލޭނިން މިނިސްޓްރީން އެކަމަށް ބޭނުންވާ ހުއްދަ ނުލިބިގެން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!