އިޒްރޭލުން ހަމަލާތައް ހުއްޓާލުމާއެކު ގާޒާއަށް އީދެއް!

އިޒްރޭލުން ގަދަކަމުން ވެރިވެގަނެގެން އުޅޭ ގާޒާ އަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާތާ 11 ދުވަސް ފަހުން މިއަދު ފަތިހުން ފެށިގެން އެ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން ނިންމުމާ ގުޅިގެން، ގާޒާގެ ރައްޔިތުން އުފާފާޅުކުރަން ފަށައިިފިއެވެ.

މީގެ 11 ދުވަސް ކުރިން އިޒްރޭލުންވަނީ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އިޒްރޭލުގެ އިސްތިޢުމާރީ ފައުޖުތަކުން ގާޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 240އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ ކުރިން ބުރާސްތި ދުވަހު އެކަނި ވެސް އިޒްރޭލުން ވަނީ ގާޒާ އަށް 100 އަސް ވުރެ ގިނަ ބޮން އަޅައިފަ އެވެ. ރައްދުގައި ހަމާސް އިން ރޮކެޓުން ހަމަލާތައް ދީފައިވެއެވެ.

އިޒްރޭލުން އިސްވެ ހަމަލާތައް ހުއްޓާލީ މިސްރުން މެދުވެރިއެއްގެ ބައި އަދާކޮށްގެން ފަލަސްތީނުގެ ޖަމާއަތްތަކާއެކު ބޭއްވި ވާހަކަތަކަށް ފަހުގަ އވެ. އިޒްރޭލުން ކާމިޔާބީ އިއުލާނުކުރިޔަސް ހަމާސް އިން ވެސް ވަނީ ކާމިޔާބީ އިއުލާނުކޮށްފައެވެ.

ފަތިހު ހަމަލާތައް ހުއްޓުމަކަށް އައުމާއެކު ގާޒާގެ މަގުތަކަށް ފަލަސްތީނު ރައްޔިތުން ނުކުމެ ގެންދަނީ އުފާ ފާޅުކުރަމުންނެވެ. ހަނގުރާމައިގެ ސަބަބުން ޢީދު ފާހަގަ ނުކުރެވުނު ގާޒާގެ މަގުތައްވަނީ ތަކުބީރުގެ އަޑުން ގުގުމާލައިފައެވެ. ޢާންމުން ދަނީ ފަލަސްޠީނާއި ޙަމާސްގެ ދިދަތައް ވިހުރަމުންނެވެ. ރޭގަނޑުގެ ވަގުތުގައި ގާޒާއަށް އަލިކަން ގެނެސްދީފައިވަނީ ރޮކެޓުގެ އަލިފާނުގެ ބަދަލުގައި ބަޑިބޭހުގެ އަލިންނެވެ.

މީގެ އިތުރުން އިރުމަތީ ޤުދުސްގައި ގިނަ ބަޔަކުވަނީ ޔަހޫދީ ފައުޖުތަކުގެ އުނދަގުލާއި ދުއްތުރާތަކާ ނުލައި މަސްޖިދުލް އަޤްޞާއަށް އެއްވެފައެވެ. އަދި ލިބުނު ނަޞްރު ފާހަގަކުރުމަށް އާންމުން ދަނީ ފޮނިކާތަކެތި ބަހަމުންނެވެ. އޭގެ އިތުރުން ޙަމަލާތަކުގެ ސަބަބުން ފާހަގަ ނުކުރެވުނު ޢީދުގެ ޖާފަތްތައް ދަނީ ތައްޔާރުކުރަމުންނެވެ. މުޅި ފަލަސްޠީނުގެ ރޫޙުވަނީ ބަދަލުވެފައެވެ. މިއީ ހަމަގައިމުވެސް ގާޒާ ރައްޔިތުންނަށް ޢީދަކަށްވުރެ އުފާވެރި ދުވަހަކަށް ވާނެކަމަށް އަންދާޒާ ކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!