ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ ރިޕޯޓަކީ ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަޙީދާ ގުޅޭ ގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކޮށް، ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ  ރިޕޯޓަކީ ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ “ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!” ނަމުގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށެވެ. އަދި މި ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުސޫލުން ބަލައި ސާފުކުރާ ކަމަށާ ސަބްރާ އާއި ނޫޝީންވެސް އެ އޮފީހުގެ ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ގަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށް ފަހު ކަމަށެވެ.

“ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންނެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ” ބަޔާނުގައި ވެއެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށާ މި މަސައްކަތް ކުރަމުން ގެންދާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދޮގު މައުލޫމާތާއި ހަބަރު ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުމެއް ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!