ގާޒާ އޮތީ 15 އަހަރު ކުރިން ފެށިގެން ވެސް އެކަހެރިކޮށްފައި: މިނިސްޓަރ ޝާހިދު

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެކަހެރިވުމުގެ ބަހަކީ އާންމު ބަހަކަށް ވެފައިވާކަމަށާއި، ނަމަވެސް ގާތްގަނޑަކަށް 15 އަހަރު ވަންދެން ޣައްޒާގެ ދެ މިލިޔަނެއްހާ ރައްޔިތުން ގަދަބާރުން ދުނިޔެއާއި އެކަހެރިކުރެވިފައިވާ  ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ޣައްޒާއަކީ ދުނިޔޭގެ އެންމެ ބޮޑު ހުޅުވާލެވިފައިވާ ޖަލުގެ ގޮތުގައި ސިފަކުރައްވަމުންޝާހިދު ވިދާޅުވީ ގާޒާގެ ދެ މިލިޔަން މީހުން އެގޮތަށް އެކަހެރިކޮށް ބަންދުކޮށްފައި ތިބީ ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި އެންމެ 12 ކިލޯމީޓަރު ހުންނަ ސަރަހައްދެއްގައި ކަމަށާއި އެ ސަރަހަައްދުގެ އެންމެ ތަންކޮޅެއް ވެސް އެ މީހުންނަށް ރައްކާތެރި ނޫން ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ ވަކިގޮތެއް ނުބަލައި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބައެއްގެ ގޯތިގެދޮރު ގެއްލިފައިވާކަން ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، މި ހަމަނުޖެހުމުގެ ސަބަބުން މިހާރުވެސް އެންމެ ގެއްލުންވުމުގެ ފުރުސަތު ބޮޑު އަންހެނުންނާއި ވަކިން ޚާއްސަކޮށް ކޮންމެ އަހަރަކުމެ އދ.ގެ އާންމު މަޖިލީހުގެ ހޯލުގައި ރައްކާތެރިކުރުމަށް ވައުދުވާ ކުޑަކުދިންނަށް އިތުރު އަނިޔާތައް ލިބެމުންދާކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ކަންތައްތަކުގައިވެސް ފަލަަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެ އަދި އަނިޔާވެސް ލިބިފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަަދި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުދިން ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް ބަންދުގައި ބައިތިއްބާކަމަށާއި، ގިނަ ކުދިންނަށް ގެއްލުން ލިބި އުމުރު ދުވަހުގެ ނަފްސާނީ މައްސަލަތަކުގައި އުޅެންޖެހޭކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިނުލައިފި ނަމަ ގާޒާގައި ބާކީ އޮންނާނީ ހަލާކުވެފައިވާ އިމާރާތްތަކުން އުފެދިފައިވާ ގާފުންޏެއް ކަމަށާއި ގާޒާގެ ރައްޔިތުން ހިމާޔަތްކުރުމަކީ ގައުމުތަކުގެ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަލަސްތީނުމީހުންނަށް ކުރިމަތިކޮށްފައިވާ އެ ހާލަތަކީ ބައިނަލްއަގުވާމީ މުޖުތަމައުން އަޅާނުލައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1967 ވަނަ އަހަރުގެ ބޯޑަރުތަކަށް ރިއާޔަތްކޮށް، ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ފަަލަސްތީނުގެ ދައުލަތެއް އޮތުމަށް ރާއްޖެއިން ގޮވާލާކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!