އެމްއައިޓީޑީސީގެ ކުރީގެ އެމްޑީއާއި ޑީއެމްޑީއަށް ދަޢުވާކުރަން ފޮނުވައިފި

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްއައިޓީޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝާހިދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝަކީބާ ޙުސައިންގެ މައްޗަށް ދަޢުވާކުރަން އޭސީސީން ނިންމާފައިވަނީ 2018ވަނަ އަހަރު، އައު އަހަރު ފާހަގަކުރުމަށް ކުރީގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް “ލިންކްސް އައި” ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް އެމް.އައި.ޓީ.ޑީ.ސީއަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލާގައެވެ.

އެ މެޝިން ގަނެފައި ވަނީ މިއުޒިކް ޝޯގައި ބޭނުންކުރަން ކަމަށް ވިޔަސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރު، އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަން ވީއިރަށް ވެސް ލިބިފައި ނުވާކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާކަން އެ ކޮމިޝަނުން ފާހަގަ ކުރެއެވެ. އަދި އެ މެޝިން ގަތުމަށް 7،234 ޑޮލަރު (ދިވެހި ރުފިޔާއިން ބަލާނަމަ، 111،548.28ރ.) ހަރަދު ކޮށްފައި ވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން އިތުރަށް ފާހަގަ ކޮށްފައި ވަނީ އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން އަދި ކޮން ފަރާތަކުން ނިންމައިގެން ކަމެއް ވެސް ލިޔެކިޔުމުން އެނގެން ނެތް ކަމަށާ، އެ މެޝިންތައް ގެނެސް އެމްއައިޓީޑީސީ އާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ވާކަމާއި، އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތް އިރު، ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައި ވާކަން އެނގެން ނެތްކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެހެންކަމުން، އެފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުއޮތްކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުން އެނގޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!