ޖޫރިމަނާގެ ގޮތުގައި 103 މިލިޔަން ރުފިޔާ ސަރުކާރަށް ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 103 މިލިޔަން ރުފިޔާ ލިވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހަތް ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 78 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ރުފިޔާއެވެ. ޓެކްސް ފިޔަވާ އެހެނިހެން ގޮތްގޮތުން ސަރުކާރަށް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.54 ބިލިއަން ރުފިޔާއެވެ. 

އެގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. 

ޓެކްސްގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބިފައިވާ އާމްދަނީއަށް ބަލާއިރު، ރިސޯޓު ކުލީގެ ގޮތުގައި 538 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 103 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ތަރައްގީ ކުރުމުގެ ފީއެއްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 139 މިލިއަން ރުފިޔާއެވެ. 

ޖުމްލަ ހަތް ބިލިއަން ރުފިޔާގެ އާމްދަނީއެއް މިއަހަރުގެ މިހާތަނަށް ސަރުކާރަށް ލިބިފައިވާއިރު ހަރަދުގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ. މިއީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓް އަދަދެކެވެ. 

ދައުލަތުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި ދައުލަތް ހިންގުމުގެ ހަރަދުގެ ގޮތުގައި 3.49 ބިލިަން ރުފިޔާ ވަނީ ސަރުކާރުން ހަރަދު ކޮށްފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ދައުލަތް ހިންގުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ރުފިޔާ އިތުރަށް ޗާޕުކުރަމުންނެވެ. އެއް އަހަރުގެ މުއްދަތަށް ދީފައިވާ މިހުއްދަ އިގެ މުއްދަތު ހަމަވުމާއެކު އަނެއްކާވެސް މަޖިލީހުން ވަނީ ރުފިޔާ ޗާޕުކުރަން ހުއްދަ ދީފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!