ހިޔާ ފްލެޓްތަކަށް ޖޫން މަސް ނިމުމުގެ ކުރިން ވަދެވޭނެ

ހިޔާ ފްލެޓްތަކަށް ޖޫން މަސް ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ކޯވިޑްގެ ހާލަތާ ގުޅިގެން ދަތިތައް އުޅޭތީ، ހުރިހާ ލިސްޓްތަކުގެ ގުރުއަތުނެގުން އަދި ނިމިފައެއް ނުވެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދު ވިދާޅުވީ ހިޔާ ފްލެޓްތައް ދިނުމުގެ ކުރިން، ސަރުކާރުން ނިންމަންޖެހޭ މަސައްކަތްތައް ޖޫންގެ ނިޔަލަށް ނިންމާ ފްލެޓްތައް ހަވާލުކުރާނެކަމަށެވެ. މައިގަނޑު ބޮޑު މަސައްކަތެއްގެ ގޮތުގައި މިވަގުތު ކުރިއަށްދަނީ ފްލެޓްތަކަށް ކަރަންޓުލުމުގެ މަސައްކަތެވެ.

ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ ޖުމްލަ 6720 ހައުސިންގ ޔުނިޓެވެ. ހިޔާ ފްލެޓްގައި، ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް މިހާތަނަށް ގުރުއަތުލުން ކުރިއަށްގެންދިޔައީ 5603 ޔުނިޓްގެއެވެ. އެއީ އޭރު އެޗްޑީސީއަށް ހައުސިންގ މިނިސްޓްރީން ފޮނުވާފައިވާ ލިސްޓްތަކެވެ.

ބާކީ 1117 ޔުނިޓް ލިބުނު މީހުންގެ ތެރެއިން އިތުރު މީހުންގެ ނަންތައް މިހާރު އެޗްޑީސީއަށް ލިބިފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. ނަމަވެސް ކޯވިޑް-19ގެ ފިޔަވަޅުތަކާ ގުޅިގެން، އޮފީސްތަކުގެ މަސައްކަތަށް އައި ބަދަލާ އެކު ގުރުއަތުނެގުން ކުރިއަށްގެންދިއުމަށް ދަތިވާތީ، އެޗްޑީސީންވަނީ މިލިސްޓްތަކުގެ ގުރުއަތު ނެގުން ފަސްކޮށްފައެވެ. ގުރުއަތުނަގާ ތާރީޚުތައް ކަނޑައެޅުނުހާ އަވަހަށް އެކަން އިޢުލާންކުރާނެ ކަމަށް ސުޙައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަކީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ފްލެޓްތަކުގެ އަގުގެ ގޮތުގަ ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 7500ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!