އައްޑޫ ސިޓީން ހައްޔަރުކުރީ ބޮމާއި ހަތިޔާރު އުފައްދާ މީހުން

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ސަލާމަތީ ބާރުތަކުން އައްޑޫގައި ހިންގި އޮޕރޭޝަންތަކެއްގައި 9 މީހަކު ހައްޔަރުކުރީ މިމަހުގެ 15 ވަނަދުވަހުގެ ރެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ. މި އޮޕރޭޝަންގެ ތެރެއިން ސަލާމަތީ ބާރުތަކުން ވަނީ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންނާއި ބެހޭ ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަމަށެވެ. އަދި މި މީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށެވެ.

” އައްޑޫން އިން ހައްޔަރުކުރީ މީހުންނަކީ މީހާތަނަށް ބެލިބެލުމުގައި ހަތިޔާރު އުފެއްދުމާއި ބޮން ހެދުމާއި ޓެރަރިޒަމްގެ އަމަލު ހިންގާ ބައެއް. މީގެތެރޭގައި ޝަރީއަތް ހިގަމުންދާ 3 މީހެއްވެސް ހިމެނޭ. އަޅުގަޑުމްނެ ޔަގީންކުރާނަން މިހާރު ހިންގާ އޮޕްރޭޝަންގައި ހައްޔަރުކުރެވޭ މީހުންނާއި ލިބޭ މައުލޫމާތުތައް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއް ވޭތޯ ” ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް މުހައްމަދު ބަޝީރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!