ފަލަސްތީނުގެ ދިފާއުގައި ފޮރިން މިނިސްޓަރ މިރޭ ތަގުރީރު ކުރައްވަނީ

އދ.ގެ އާއްމު މަޖިލީހުގައި މިރޭ ބާއްވާ ބަހުސްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ބަހުސްއަކީ ފަލަސްޠީނުގެ މައްސަލައާއި، މެދުއިރުމަތީގެ ޙާލަތާ ބެހޭގޮތުން ބާއްވާ ބަހުސްއެކެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، މިރޭގެ ސެޝަން ފަށާނީ ރާއްޖޭ ގަޑިން 7 ޖަހާއިރުކަމަށެވެ. އަދި ފޮރިން މިނިސްޓަރ ވާހަކަފުޅުދައްކަވަނީ ގާތްގަނޑަކަށް 7:30 އާއި 08:00 އާއި ދެމެދުއެވެ. ފޮރިން މިނިސްޓަރ ޝާހިދު މިވަގުތު ހުންނެވީ ނިއުޔޯކުގައެވެ.

އދ.ގެ އާއްމު މަޖިލީހުގެ ބަހުސްގައި ފޮރިން މިނިސްޓަރ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ފަލަސްޠީނުގެ މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދުވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިތިބި ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އާއި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ސަރަޙައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަންނަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ފެށުނީންސުރެ އަންނަނީ ފަލަސްޠީނުގެ ހައްޤުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ވަކާލާތުކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!