ރާއްޖޭގެ 105 ރަށަކުން 2969 އެކްޓިވް ކޭސް

ރާއްޖޭގެ 105 ރަށަކުން މިވަގުތު ކޮވިޑް-19ގެ 2969 އެކްޓިވް ކޭސް އެބައުޅޭ ކަމަށް ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުދަ ދުވަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ އެޓޯލް ކްލަސްޓަރގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ. އަދި މިވަގުތު 63 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި މި ހާލަތަށް ގެނެވެފައިވާ ގިނަ ރަށްރަށުގައި ބަލި ފެނިފައި ވަނީ އަލާމާތްތައް ފެނިގެން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވުމާ ގުޅިގެން ނޫނީ ހޯމް ކަރަންޓީނުގައި ހުންނަ މީހަކު ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފުވެގެން މުޖްތަމައު ތެރޭގައި ކޮންޓެކްޓްސްތަކެއް އުޅޭތީ ކަމަށެވެ.

ނާޒިމް ވިދާޅުވީ މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި، އެޗްޕީއޭއިން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރަމުން ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓް ވެގެން ކަރަންޓީން ކުރާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުން ނުވަތަ އުމުރުން ދުވަސްވީ މީހުންނާއި އަދި ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެރަށެއްގެ ހެލްތް ސެންޓަރަށް ގުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖްތަމައުގެ ތެރޭގައި އުޅޭއިރު ބަލީގެ އަލާމާތްތައް ހުރި މީހުން ސާމްޕަލް ނަގައިފިނަމަ ރިޒަލްޓް ލިބެންދެން ގޭގައި މަޑުކޮށް، އެކަހެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސަބަބަކީ ނަތީޖާއަށް ވާނެ ގޮތެއް ނޭނގޭއިރު އެމީހެއްގެ ފަރާތުން މުޖްތަމައުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވުން ކަމަށް ވެސް ވިދާޅުވިއެވެ. ވުމާއެކު މުޅި ރަށް ނުރައްކަލަށް ދިއުމުން ސަލާމަތް ކުރަން މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!