އިންޓެލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އެކުލަވާލާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީން ޙާސިލްކުރަން ބޭނުންވާ ނަތީޖާއާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، އޮޑިޓް ކޮމިޓީގެ މެންޑޭޓާއި، މަސައްކަތްތަކާއި، އަދި ޙާސިލްކުރަން ބޭނުންވާ ނަތީޖާއާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިކަމަށެވެ.

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޓީއެއް އެުފެއްދެވުމުގެ މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ދެނެގަތުންވެސްމެއެވެ.

ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމީޓީއަށް ބޭނުންވާ މަޢޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ކޮށްދެއްވަމުންގެންދެވާކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!