ވެހިކަލް ޕާކިންގ ފީ 750އަށް ކުޑަކޮށްފި

ސިޓީ ކައުންސިލުން ދޫކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގެ މަހު ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އަލަށް އިންތިޚާބުކުރި މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ޙާލަތުގައި އެންމެ ގެއްލުން ބޮޑުކޮށް މަސައްކަތްކުރާ އެއްބަޔަކީ ޓެކްސީ ޑްރައިވަރުންކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޙައްލު ނުވާހާ ހިނދަކު ޓެސްކީތަކުގެ މަސައްކަތަށް ލުޔެއް ނުލިބޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މަގުތައް ހެދިފައިހުރި ގޮތާއި މަގުތައް ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ދަތިތައް ޓެކްސީ ޚިދުމަތްދޭ މީހުންނަށް ކުރިމަތިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭއަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި، ކުލީ ޕާކިންގ ޒޯންތައް ހަދާފައެވެ. ނަމަވެސް މި ތަންތަނުގައި ޕާކުކުރާ މީހުންނަށް ދެންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވެމުން ނާންނަކަމަށް މުޢިއްޒު ވިދާޅުވިއެވެ. މިއާއެކު ސިޓީ ކައުންސިލުން މިވަނީ ޓެކްސީ ޕާކުކުރުމަށް ކުއްޔަށް ނަގާފައިވާ ޕްލޮތްތަކުގެ އަގު ކުރިއަށްވުރެ ހަތަރު ގުނަ ކުޑަކޮށްފައެވެ.

“އިންސާފުވެރިކޮށެއް ނޫން ފީ މި ނެގެނީ. މިއީ ދެއްކޭވަރުގެ ފީއަކަށް ވާންޖެހޭ. އެހެންވީމަ ކައުންސިލްގެ އިއްތިފާޤުން މި ނިންމީ 3000 ރުފިޔާގެ ކުލި 750އަށް ބަދަލުކުރަން. މިގެ އާހިރު ފައިދާ ކުރާނީ ރައްޔިތުންނަށް.” މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވި މިހާރު ކުއްޔަށް ދީފައިވާ ޒޯންތަކުގައި ހުރީ ހަމައެކަނި ގާއަތުރާލާ، އިން ކުރަހާލަފައި އެކަނިކަމަށެވެ. ވެހޭހާ ވާރެޔާ އަވިގައި އުޅަނދު އޮންނައިރު އެ އުޅަނދުތަކަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދެވޭކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މި ތަންތަނުގައި ޕާކު ކުރުމުގައި ގެންގުޅޭނެ އެކަށީގެންވާ އުސޫލެއް މިހާތަނަށްވެސް ހަދާފައި ނެތްކަމަށެވެ. އެގޮތުން މީހަކު ކުއްޔަށް ހިފަފަވާ ޒޯންގަ އެހެން މީހަކު ޕާކުކުރާނަމަ، ދެން ޢަމަލުކުރާނެ ގޮތުގެ ގަވައިދެއްވެސް ނެތްކަމަށެވެ. އެހެންކަމުން ކުއްޔަށް ދޫކުރާ ޒޯންތަކާމެދު ޢަމަލުކުރާނެ ހަރުދަނާ ގަވައިދެއް ކައުންސިލުން އެކުލަވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!