ކޮވިޑާ ގުޅިގެން ކުރި ޚަރަދު 3.5 ބިލިއަނަށް

ކޮވިޑް-19 އާ ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 3.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މެއި 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.8 ބިލިއަން ރުފިޔާއާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވާއިރު، އެ އިދާރާއިން އެކަނިވެސް 867.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 143.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 469.5 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 40.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 4.3 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްއިން 67.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.1 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިއަން ރުފިޔާ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 16.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 28.8 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްޙީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް 498.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓްއަށް 201.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޕަރޭޝަނަލް ސަރވިސަސްއަށް ޚަރަދުކޮށްފައި ވަނީ 195.7 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ހޭދަކޮށްފައި ވަނީ 127.9 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 93 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 145.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ޓްރެވަލް އެކްސްޕެންސްގެ ގޮތުގައި 317 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ދައުލަތުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 419.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 947.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!