ކޮވިޑްގެ ހާލަތު ގޯސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ، ވަރަށް ބޮޑަށް ފެތުރެމުންދާތީ ވަސީލަތްތައް ގާއިމުކުރުމަށާއި އީޖާބީ މަސައްކަތް ހަލުވިކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވާއިރު މައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި 33 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އަދި 18 މެންބަރުން މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު 12 މެންބަރުން މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވިއެވެ. 3 މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، މީހުން ނިޔާވާ އަދަދާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި މޮނީޓަރިންގ ހާލަތަށް ބަދަލުވާ ރަށްރަށުގެ އަދަދު އިތުރުވަމުން ދާ ކަމަށެވެ. އަދި އަތޮޅުތަކުން ކޮވިޑަށް ޓެސްޓްކޮށް، ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީއާއި، ޓެސްޓުތަކުގެ ނަތީޖާ ނުލިބި އިންތިޒާރު ކުރަންޖެހޭ މުއްދަތު، ދުވަހެއް ދުވަހަށް އިތުރު ވަމުންދާ ކަމަށެވެ.

މެންބަރު ވިދާޅުވީ ސިއްހީ ދާއިރާއާއި ކޮވިޑްގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި އަދި ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެ، ބަލިމީހުންނަށް ފަރުވާދިނުން ލަސްވާފަދަ ހާލަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުން ދާ ކަމަށެވެ.

މެންބަރު އާދަމް ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ގާއިމުކުރުމަށާއި އިތުރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރަށް ހޯދައިދީ، އަދި އީޖާބީ މަސައްކަތްތައް ހަލުވިކޮށް، ހަރުދަނާ ފިޔަވަޅުތައް އަޅައި، މި ބަލިމަޑުކަން މެނޭޖްކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމް ކުރުމަށާއި، މިކަންކަން އަވަސްކުރުމަށް ސަރުކާރަށް ގޮވާލައި މައްސަލަ ހުށަހަޅާ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!