ފިލްމު އޭ ދިލް ހެ މުޝްކިލް އަށް އެ ނަން ލިބުނު ގޮތް އެނގޭތަ؟

2016 ގައި ކަރަން ޖޯހަރް ގެނެސްދިން މަޤުބޫލު ފިލްމު “އޭ ދިލް ހެ މުޝްކިލް” އަކީ ވަރަށް ހުނަރުވެރި ތަރިންތަކެއް ބޭނުންކޮށްގެން އުފެއްދި ފިލްމެކެވެ. ފިލްމާ އެއްވަރަށް އޭގެ ލަވަތައް ވެސް ގިނަ ބަޔަކަށް ކަމުދިޔައެވެ. ކަރަން މި ފިލްމު ޑައިރެކްޓުކޮށްދިނީ ގިނަ ދުވަސްތަކެއް ވަންދެން ޑައިރެކްޝަންގެ މަސައްކަތާ ދުރުގައި ހުރެފައެވެ. އެހެންކަމުން އެއީ އޭނާއަށް ވަަރަށް ޙާއްސަ ފިލްމަކަށް ވާނެކަން ޔަގީނެވެ.

ކޮންމެއަކަސް، “އޭ ދިލް ހެ މުޝްކިލް” އަށް އެ ނަން ލިބުނުގޮތް އެނގޭ ހެއްޔެވެ؟ ފިލްމާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ކަރަން ވަނީ އެކަން ހިނގިގޮތް ހާމަކޮށްފައެވެ. އެގޮތުން އެ ފިލްމުގެ ސްކްރިޕްޓު ލިޔުނުއިރު ކަރަން ހުރީ އިންޑިއާއިން ބޭރުގައި ކަމަށާއި، މަސްދުވަސް ތެރޭގައި ލިޔެ ނިންމައިލެވުނު ކަމަށް ބުންޏެވެ. ފިލްމަށް ދޭނެ ނަމެއް ނިންމީ ވެސް އެހާ އަވަހަށް ކަމަށް ބުންޏެވެ. އެއީ އެ ސްކްރިޕްޓު ލިޔަމުންދިޔައިރު ކަރަން އަށް އަޑުއިވުނު ލަވައަކަށް ބިނާކޮށްފައެވެ.

އެ ލަވައަކީ 1956 ގައި ނުކުތް “ސީ.އައި.ޑީ” ފިލްމުގެ މަޝްހޫރު ލަވަ “ޔޭ ހޭ ބޮމްބޭ މެރި ޖާން” އެވެ. އެ ލަވަ ފަށާއިރު ޅެމުގައި “އޭ ދިލް ހެ މުޝްކިލް” ކިޔާތީ، ކަރަން އަށް އެތަންކޮޅު ކަމުގޮސްގެން ވަގުތުން ފިލްމަށް އެ ނަން ދިނީ ކަމުގައި ކަރަން ބުންޏެވެ.

“އޭ ދިލް ހެ މުޝްކިލް” އަކީ ރަންބީރް ކަޕޫރު، އަނުޝްކާ ޝަރްމާ، އައިޝްވާރިޔާ ރާއީ އަދި ފަވާދް ޚާން މުހިންމު ރޯލުތަކެއް ކުޅެފައިވާ ފިލްމެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!