ކޮވިޑުން ރަނގަޅުވުމުން ވެސް ކަންގަނާގެ ޝަކުވާތަކަކަށް ނިމުމެއް ނެތް!

ގިނަ ބަޔަކު ރުޅިއަންނަ ގޮތަށް ބަސްބުނުމުގައި އަރާހުރި ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު، ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކަންގަނާއަށް ކޮވިޑް ޖެހުނުއިރު، މިއަދު ވަނީ އެ ބަލިން ރަނގަޅުވެއްޖެކަން އިންސްޓަގްރާމް ސްޓޯރީގައި އިޢުލާނުކޮށްފައެވެ. ނަމަވެސް އެވާހަކަ ބުނެފައިވަނީ ވެސް ބަޔަކަށް ބަހެއް އެއްލާފަދަ ގޮތަކަށެވެ. އެގޮތުން ކަންގަނާ ބުނީ އޭނާ ކޮވިޑުން ރަނގަޅުވީ ކިހިނެއްކަން ކިޔައިދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެކަމަކު އެވާހަކަ ދެއްކެން ނެތް ކަމަށެވެ.

“ކޮވިޑް ފޭން ކްލަބްތައް ހިތްހަމަނުޖެހިދާނެތީ އެވާހަކަ ދެއްކޭކަށް ނެތް. އާނ، ކޮވިޑަށް އިހުރިތާމް ކުޑަވާ ގޮތަށް ވާހަކަދެއްކީމަ ރުޅި އަންނަ މީހުން އެބައުޅޭ”، ކަންގަނާ ޝަކުވާކޮށްފައި ވެއެވެ.

ކަންގަނާ އެހެން ބުނެފައިވަނީ، އޭނާއަށް ކޮވިޑް-19 ޖެހުނުކަން އިޢުލާނުކުރަން އިންސްޓަގްރާމްގައި ކުރި ޕޯސްޓު، ގައިޑްލައިންތަކަށް ނުފެތޭ ކަމަށްބުނެ ޑިލީޓް ކޮށްލުމުންނެވެ. ކަންގަނާ ބުނީ އެ ޕޯސްޓު އިންސްޓަގްރާމް ޓީމުން ޑިލީޓުކޮށްލީ، އޭގައި އޭނާ ކޮވިޑް ނައްތައިލާނެ ކަމަށް ބުނެފައި އޮވެގެން ކަމަށެވެ. ހަމައެހެންމެ، ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށްވެސް ކަންގަނާ ވަނީ އެ ޕޯސްޓުގައި ބުނެފައެވެ.

މިފަހަކުން ކަންގަނާއަށް ގިނަ ބައެއްގެ ނަފްރަތު ލިބިފައިވަނީ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ދިފާއުކުރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!