ގެރީގެ ކުޑަކަމުދާ ތަކެތި ބުއިމުން ކޮވިޑުން ރައްކާތެރިވާނެ ކަމަށް ބުނުމުން ދެވޮލީނާ ރުޅިގަދަވެއްޖެ

ކޮވިޑް-19 ގެ ދެވަނަ ރާޅެއް އިންޑިއާއަށް ބިންދާލައި، ހާލަތު ގޯސްވެފައި އޮތް މި ދަނޑިވަޅުގައި “ކޫސަނި” ވާހަކަދައްކައިގެން މީހުންގެ ސަމާލުކަން ހޯދަން ބައެއް ސިޔާސީ މީހުން އުޅޭތީ، ޓީވީ އެކްޓްރެސް ދެވޮލީނާ ބަޓަޗަރަޖީ ރުޅިއަތުވެއްޖެއެވެ.

އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ބޯޕާލްގެ މަޖިލިސް މެމްބަރު ދާދިފަހުން ވަނީ، ގެރީގެ ކުޑަކަމުދާ ތަކެތި ބުއިމުން ކޮވިޑުން ރައްކާތެރި ވާނެ ކަމަށް ބުނެ ނޫސްތަކުގެ ސުރުޚީއިން ޖާގަ ހޯދައިފައެވެ. ޕްރަގިޔާ ސިންގް ތާކުރް ނަމަކަށް ކިޔާ އެ މެމްބަރު ބުނިގޮތުގައި، އިންޑިއާ ގެރިއެއްގެ ކުޑަކަމުދާ ތަކެއްޗަކީ ފުއްޕާމޭގެ އުފެދޭ އިންފެކްޝަނަށް ހުރި ޝިފާއެއް ކަމަށެވެ. އަދި އޭނާއަކީ އެކިކަހަލަ ސިއްޙީ މައްސަލަތަކާ ހަނގުރާމަކުރަމުންދާ މީހެއް ކަމަށާއި، އެކަމަކު ކޮންމެދުވަހަކު ގެރީގެ ކުޑަކަމުދާތަކެތި ބޯކަމަށް ޕްރަގިޔާ ބުންޏެވެ.

ޕްރަގިޔާގެ އެ ވާހަކައަށް ހިންދޫ ދީނުގެ ބައެއް މީހުން ތާއީދުކޮށްފައި ވިޔަސް، އަނެއްބައި މީހުންނަށް އެވާހަކަ “ހަޖަމެއް” ނުވިއެވެ. އޭގެތެރޭގައި ހިމެނޭ ދެވޮލީނާ (ގޯޕީ ބަހޫ) ކުރި ޓްވީޓެއްގައި ބުނީ ޕްރަގިޔާގެ ޚަބަރު ފެނިފައި ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރި ކަމަށެވެ. “ތިކަން ހުއްޓާލާ. މިކަމަކީ ބޮޑު ސަކަރާތަކަށް ހަދައިގެން ތިއުޅެނީ”، ރުޅިއައިސް ހުރި އިމޯޖީތަކަކާއެކު ދެވޮލީނާ ޓްވީޓުކޮށްފައި ވެއެވެ.

އޭގެފަހުން، ދެވޮލީނާގެ ޓްވީޓަށް ފާޑުކިޔައި ކޮމެންޓުކުރި މީހަކަށް ރައްދުދެމުން އޭނާ ބުނީ ދީނީ ކަންތައްތައް ޤަބޫލުކުރުމާއި މީހަކު ބުނާހާ އެއްޗެއް ދެލޯ މަރައިގެންހުރެ ޤަބޫލުކުރުން ތަފާތު ކަމަށެވެ. އަދި ދީނީ ޤަބޫލުކުރުންތައް އޮންނަން ޖެހޭނީ އެއްފަރާތެއްގައި ކަމަށާއި، ބަލިވީމާއި ބޭސްކެއުން އެއީ އެހެން ކަމެއް ކަމަށެވެ. “ތިމާގެ އަމިއްލަ ނުކުތާއެއް ސާބިތުކޮށްދިނުމަށްޓަކައި ކޮންމެފަދަ އެއްޗެއް ޕްރޮމޯޓެއް ނުކުރެވޭނެ” ދެވޮލީނާ ބުންޏެވެ.

ދެވޮލީނާގެ މައިގަނޑު ވާހަކައަކީ، މުޅި އިންސާނީ ދަރިފަސްކޮޅަށް ޖެހިފައި އޮތް ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް އެންމެންވެސް ތަބާވާންޖެހޭނީ ޖެހޭނީ ސައިންޓިސްޓުންގެ އިރުޝާދުތަކަށް ކަމެވެ. އަދި ގެރީގެ ނަޖިހަކީ އެއްވެސް ސިފައެއްގައި ކޮވިޑުގެ ޝިފާއެއް ނޫންކަމަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!