ސިފައިންގެ ބޮޑު ސްކްރީނުގައި ފަލަސްތީނު ދިދަ އަޅުވައިފި

ޖުމްހޫރީ މައިދާނުގައި ހުންނަ ސިފައިންގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވައިފިއެވެ.

އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނުގެ ދިފާއުގައި މުޅި ރާއްޖެ އަޑު އުފުލަމުން ދަނިކޮށް ސިފައިންގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވާފައިވަނީ އެކަމަށް ބާރުދީއެވެ. 

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަށް އިޒްރާއީލުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ މައުސޫމު އެތައް ކުޑަކުދިންނާއި އަންހެނުންނެއް ޝަހީދުކޮށް، މުސްލިމުންގެ މުގައްދަސް އަގްސާ މިސްކިތައް ވެސް ވަނީ ހަމަލާ ދީފައެވެ. 

ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އިޒްރާއީލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް ފަލަސްތީނުގެ 3090 ކުޑަކުދިން މަރުވެފައިވެއެވެ.

ހަމައެހެންމެ އިޒްރޭލު ކުށްވެރިކޮށް މަޖިލީހުން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެކަން ވަގުތުން ހުއްޓުވުމަށް ގޮވާލާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!