ފަލަސްތީނުގެ ދިފާޢުގައި ނުކުތުމުން އިޒްރޭލުން ބެލާ ދެކެ ރުޅިއަތުވެއްޖެ

އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަދީދް، ފަލަސްތީނަށް ތާޢީދު ކުރާކަން ދައްކައި ނިއު ޔޯކުގައި އޮތް މުޒާހަރާއަށް ނުކުތުމުން އިޒްރޭލުން ބެލާ ދެކެ ރުޅި އައިސް ޓްވީޓު ކޮށްފިއެވެ.

އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް އެމެރިކާގެ ނިއު ޔޯކް ސިޓީގައި އިޒްރޭލާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާއަށް ނުކުމެ ބެލާ ވަނީ އިންސްޓަގްރާމްގައި ލައިވް ކޮށްފައެވެ. އެ ވީޑިއޯގައި އޭނާ އަޑުއަހަރުކޮށް، ފަލަސްތީނު މިނިވަންކުރަން ގޮވާ އަޑު ވެސް އިވެއެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނަށް ތާއީދުކުރާ މީހުން ވަނީ ބެލާއަށް ތަޢުރީފު ކޮށްފައެވެ.

ނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވަނީސް އިޒްރޭލުގެ ރަސްމީ ޓުވިޓާ ހޭންޑަލް އިން ބެލާގެ ވީޑިއޯ ޓްވީޓުކޮށް، ފާޑުކިޔައިފައެވެ. އިޒްރޭލުން ބުނީ ބެލާ ކަހަލަ މަޝްހޫރު މީހުން ޔަހޫދީން “މޫދަށް އުކަން” ގޮވާލުމަކީ ޔަހޫދީ ދައުލަތެއް ނައްތާލަން ތާއީދުކުރުން ކަމަށެވެ. އަދި މިއީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އޮތް މައްސަލައެއް ނޫން ކަމަށާއި މިއީ އިންސާނިއްޔަތުކަމާ ގުޅުން ހުރި މައްސަލައެއް ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ބެލާ ލަދުގަންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއަށް އުފަންވި ނަމަވެސް، ބެލާ އަސްލު ނިސްބަތްވަނީ ފަލަސްތީނަށެވެ. އާންމު ނަމުގެ ގޮތުގައި ބެލާ ހަދީދް ބޭނުންކުރި ނަމަވެސް އޭނާގެ އަސްލު ނަމަކީ އިޒަބެއްލާ ޚައިރް ހަދީދެވެ. ބެލާގެ ބައްޕަ، މުހައްމަދު ހަދީދަކީ ފަލަސްތީނު މީހެކެވެ. ރިއަލް އެސްޓޭޓްގެ ވިޔަފާރީވެރިއެއް ކަމަށްވާ މުހައްމަދު އޭނާގެ އާއިލާއާ އެކު ފަލަސްތީނު ދޫކޮށް ދިޔައީ 1948 ވަނަ އަހަރު ޔަހޫދީންނާ ދެކޮޅަށް އެ ކުރި ހަނގުރާމާގައި އެ މީހުންގެ ގެދޮރުން ނެރެލުމުންނެވެ.

ބެލާ ވަނީ މީގެ ކުރިން ވެސް އިޒްރޭލާ ދެކޮޅަށް ވަރަށް ގިނަ އިންސްޓަގްރާމް ޕޯސްޓުތައް ކޮށްފައެވެ. އަދި ބެލާ ވެގެން ގޮސްފައި ވަނީ މިހާތަނަށް އިޒްރޭލާ ދެކޮޅަށް އެންމެ ގަދަޔަށް ފާޅުގައި އަޑުއުފުލި ވަރުގަދަ އެއް ސެލެބްރިޓީއަށެވެ. މީގެ އިތުރުން ބެލާގެ ދައްތަ، މަޝްހޫރު މޮޑެލް ޖިޖީ ހަދީދް ވެސް ވަނީ މިހާރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމަ ކުށްވެރިކޮށް ޕޯސްޓުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!