ދިން ބޭހަކުން ގުނަވަންތައް ފެއިލްވެގެން އަންހެނަކު މަރުވި މައްސަލައެއް

އައްޑޫގައި އަމިއްލަ ހޮސްޕިޓަލަކުން ކަށީގެ ފަރުވާއެއް ހޯދި އަންހެނަކަށް ޑޯޒް މަތިކޮށް ދިން ބޭހެއް ކައިގެން އޭނާގެ ގުނަވަންތައް ފެއިލްވެ، މަރުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން އިއްޔެ މަރުވެފައިވަނީ ސ.މަރަދޫ، ސަނީ ސައިޑް، އައިޝަތު އަޒީޒާ ހަލީލް އެވެ.

އެ ހާދިސާއާ ގުޅިގެން އަޒީޒާގެ ދަރިފުޅު އަހުމަދު ފާރިޝް ބުނީ މި މަހުގެ ދެވަނަ ދުވަހު މަންމަގެ ބުރިކަށީގައި ރިއްސާތީ އެއިމްސްގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު، ޑރ.ރަމީ މުހައްމަދު އަބްދުލްނޫރް އަހުމަދަށް ދެއްކި ކަމަށާއި އެގޮތުން އޭނާ ދިން ބޭހުގެ ތެރޭގައި “މެތޮޓްރެކްސޭޓް” ނަމަކަށް ކިޔާ ބާރުގަދަ ބޭހެއް ހިމެނޭ ކަމަށެވެ. ވެ. އެ ބޭސް ކެއުމަށް ބޭސް ސިޓީގައި ޖަހާފައިވާ ގޮތަކީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު، ތިން ހަފްތާ ވަންދެން ބޭނުން ކުރުމަށެވެ.

މެތޯޓްރިއެކްސޭޓްއަކީ ކައްޓަށް ވާ ތަދު ނުވަޔަ ކެންސަރު ޕޭޝަންޓުންނަށް ކީމޯދީގެން ވާ ތަދުތަކަށް ދޭ ބޭހެކެވެ. އެ ބޭހުގެ ސަބަބުން މީހާގެ އިމުއިނިޓީ ދަށް ވެގެންދާނެ އެވެ. އެ ބޭސް އެންމެ ގިނަވެގެން ދޭން ޖެހެނީ 20-25 މިލިގްރާމް ހަފްތާއަކަށެވެ، އެކަމަކު ޑޮކްޓަރު ދީފައި ވަނީ ދުވާލަކަށް 10 މިލިގްރާމް ކާގޮތަށް، އެއީ ތިން ހަފުތާވަންދެންނެވެ.

އަޒީޒާ، އެގޮތަށް އެ ބޭސް ކަމުންް އައިކަން އާއިލާ އަށް އެނގުނީ 12 ވަރަކަށް ދުވަސް ފަހުންނެވެ. 12 ދުވަސް ފަހުން އާއިލާއަށް އެކަން އެގުނުއިރު އެލާޖިކްވުމުގެ ސަބަބުން އަޒީޒާގެ އަނގަ ދިޔައީ ފާރު ވަމުންނެވެ. އަދި އެހާ ހިސާބުން ފަންގަސް އުފެދެން ފެށި އެވެ. އަނގަފާރުވެ ފަންގަސްލުމުން މަރަދޫ ސިއްހީ މަރުކަޒަށް ދެއްކުމުން ބުނީ، ފަންގަލް އިންފެންކްޝަން އުފެދިފައިވާ ކަމަށެވެ.

މަރަދޫ ސިއްހީ މަަރުކަޒަށް ދެއްކުމުން އެތަނުން ދިނީ އަނގަ ދޮންނަ ބޭހެކެވެ. އެކަމަކު އަނގައިގެ ފާރުތައް ގިނަވެ، ފެންފޮދެއް ވެސް ބޮއެ ނުލެވޭ ވަރަށް އަނގަ ފާރުވި އެވެ. އޭގެ ފަހުން އޭނާގެ ގައިގައި ފިތް ނަގަން ފެށި އެވެ. އެހާ ހިސާބުން އަޒީޒާ އަށް ދީފައި ހުރި ބޭސްތައް ޑޮކްޓަރަކަށް ފޮނުވައި، އޭގައި އެލާޖިކެއް ވެދާނެ ކަހަލަ ބޭހެއް ހުރިތޯ ބެލުމުގެ މަަސައްކަތް އާއިލާ އިން ފެށި އެވެ. އެއާ އެކު ބޭސް ސިޓީ ފޮނުވި ޑޮކްޓަރު އެންގީ ވަގުތުން އެ ބޭސް ބޭނުންކުރުން ހުއްޓާލުމަށެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އާއިލާއަށް އެކަން އިނގުނުއިރު އެ ދުވަހަކީ އީދު ދުވަސްކަމުން މަރަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތެވެ. ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސް ކަމަށް ވާތީ، އެ ދުވަހު ވެސް ޑޮކްޓަރަށް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ސިއްހީ މަރުކަޒަަށް ގެންދިޔައިރު އަޒީޒާގެ ހާލު ވަރަށް ދެރަ އެވެ. މަރަދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީ ޓެކްނީޝަނެއް ނެތުމުން ޓެސްޓް ހަދަން ފޮނުވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ. އެތަނުން ހެދި ޓެސްޓްތަކުން އެނގުނީ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެފައިވާ ކަމެވެ. އިކުއިޓޯރިއަލް ހޮސްޕިޓަލުން ވެސް ބުނީ ގުނަވަންތަށް ފެއިލްވެފައި ހުރުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އަޒީޒާގެ ފުރާނެ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

އަޒީޒާގެ ދަރިފުޅު އަހުމަދު ފާރިޝް ބުނީ އެއިމްސް އިން ޑޮކްޓަރަށް މިކަމުގައި ފިޔަވަޅު އެޅުމަށްފަހު ގައުމަށް ފޮނުވާލި ނަމަވެސް މަންމަ ދެން އަނބުރާ ނާންނާނެ ކަމަށާއި ނަމަވެސް މި ވާހަކަ ދައްކަން ޖެހުނީ އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއްވުމުގެ ކުރިން އެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!