އަލަށް ހުވާކުރެއްވި ކައުންސިލަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފި

ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިޚާބުވި މެންބަރުން މަޤާމުގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުމުގެ މުނާސަބަތާއި ގުޅުވައިގެން، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިރޭ މީޑިއާތައް މެދުވެރިކުރައްވާ ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިއަދު މަޤާމާއި ހަވާލުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ މާބޮޑަށް ޝާމިލްވާގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް، ތަންފީޒުކުރަން ފެށުމަކީ، މިއަދު ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއްކަމަށެވެ. މިއަދު ފެށުނު މަސައްކަތްތަކާއެކު އަތޮޅާއި ރަށާއި، ޤައުމުގެ ތަރައްޤީއަށް ކުރިއެރުން ހޯދުމުގައި މަޤާމުތަކާއި ހަވާލުވި ބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކާއި ހަވާލުވެ ވަޑައިގެން ކުރިއަށްދާއިރު އެންމެބޮޑު މަސައްކަތަކަށް ވާންޖެހޭނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!