ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނަން: ރައީސް ނަޝީދު

ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރު ފެށިގެން ދާއިރު، ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލައެއް އެމަނިކުފާނަށް އަމާޒުކޮށް ދީފާވަނިކޮށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު މަޖިލީހުގައި ވަޑައިގެން ނެތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ފަސްޖެހި ވަޑައިގަތުމެއް ނެތި ހީވާގި ކަމާއެކު މެންބަރުން މަސައްކަތް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށް މެމްބަރަން މަސައްކަތް ކުރައްވާނެ ނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

“… މާތް ﷲގެ އިރާދަ ފުޅާއެކު މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ތިޔަ މެމްބަރުންނާއެކު ބައިވެރި ވާނަން. ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު ބައްދަލު ކުރާނަން. މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއެކެ ދެމި ހުންނާން،” ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!