ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމަށް ނިންމައި، އޯގަސްޓު މަހުގައި ކުރެހުންވެސް ކައުންސިލާ ހަވާލުކުރި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދިރުއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ހުރި ސައިކަލު ޕާކިން ޒޯނު ބިއްލޫރިޖެހިގެއަށް ބަދަލުނުކުރެވުނީ އެކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އިން ހުއްދައެއް ނުލިބިގެންކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވި ނަމަވެސް، 2020 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމަށް ނިންމައި، އެ ޕާކިން ޒޯނުގެ ކުރެހުން ވެސް ހައުސިން މިނިސްޓްރީން ކައުންސިލާ ހަވާލުކުރިކަން ހާމަވެއްޖެއެވެ.

މިދިއަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގައި ސިޓީ ކައުންސިލް އާއި ޕްލޭނިންގ މިނިސްޓްރީން ބޭއްވި ބައްދަލު ވުމެއްގައި ވަނީ 14 ތަނެއްގައި ޕާކިންގ ޒޯން ހެދުމަށް މަޝްވަރާކޮއްފައިވެއެވެ. އަދި ހަމަ އެއާއިއެކުގައި ޕްލޭނިންގ އިން ވަނީ އެ ސަރަހައްދުތަކަށް ބޭނުންވާ ޕާކިންޒޯންތަކުގެ ކުރެހުންތައް މިނިސްޓްރީން ފޯރުކޮށްދިނުމަށް އެއްބަސްވެފައިއެވެ.

އެ ބައްދަލުވުމުގެ ނިންމުމެއް ކަމަށް ޔައުމިއްޔާގައި ބުނެފައިވަނީ “މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕާކިންޒޯންތައް ކުރެހުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމުނެވެ. އަދި މި ބައްދަލުވުމުގައި ނިންމި ކަންކަން ޓްރެފިކް ކޮމިޓީއަށް ހުށަހެޅުމަށާއި، އެއަށްފަހު ކުރެހުންތައް މާލެ ސިޓީ ކައުންސިލަށް ހުށަހަޅައި، އެ އިދާރާއިން މި މަސައްކަތް ކުރިއަށްގެންދާ ގޮތަށް ނިންމުނު” ކަމަށެވެ.

އަދި ހަމަ އެހެންމެ އެ ބައަދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ގޮތުގެ މަތިން ޕްލޭނިންގ އިން އެ ކުރެހުންތަށް ސިޓީ ކައުންސިލް އަށް ފޮނުވާފައިވާކަން މިނިސްޓްރީގެ އިތުރަށް ސިޓީ ކައުންސިލުގެ މަޞްދަރުތަކުން ކަށަވަރުވެފައިވެއެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަރާތުން ސިޓީ ކައުންސިލުގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް އޮފީހުގެ އެއިރުގެ ވަޒީރު އަޙްމަދު ނަސީމާއި، ޕްލޭނިން މިނިސްޓްރީގެ ނައިބު ޒުހުރުﷲ ސިޔާދުއާއި، މިނިސްޓްރީގެ އެސިސްޓެންޓު އާކިޓެކްޓަކާއި، މާލެ ސިޓީ ކައުންސިލުގެ ސީނިއާ ސާވެޔަރެއްގެ އިތުރަށް އެސިސްޓެންޓް ޑިރެކްޓަރެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީ ކައުންސިލުގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ރޭގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕާކިންގ ޒޯން އެއް ބިއްލޫރި ޖެހިގޭގައި ގާއިމް ނުކުރެވުނީ ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އަދި ޕާކިންގ ޒޯން އެޅުމުގެ ހުއްދަ އަށް އެދި ސިޓީ ކައުންސިލުން ފޮނުވި ސިޓީގެ ކޮޕީއެއް “ވަޓްސްއެޕް” މެދުވެރިކޮށް ހައުސިންގ މިނިސްޓާރ އަށް ފޮނުވާފައި ވާކަމަށް ވެސް ޝިފާ ވިދާޅުވެއެވެ. ނަމަވެސް އެ ވާހަކަތަށް މިނިސްޓްރީން ދޮގުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!