ކޯވިޑް-19 : 1600އަށްވުރެ ގިނަ ކުޑަކުދިން ޕޮޒިޓިވް

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަނަރަ ހާހަށްވުރެ ގިނަ މީހުން ރާއްޖޭގައި މިވަގުތު ތިބިއިރު މީގެތެރޭގައި އެއް ހާސް ހަ ސަތޭކައަށްވުރެ ގިނަ ކުޑަކުދިން އެބަތިބިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވަމުން އަންނަ ކުޑަކުދިންނާއި ހައި ރިސްކް މީހުން އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ. ޢާއްމުކޮށް ގެއިން ބޭރަށް ގޮސް ނޫޅޭ ކުޑަކުދިންނަށް ބަލި ގެންގޮސްދޭ ބަޔަކީ ގެއިން ބޭރަށް ދާ ބޮޑެތި މީހުންކަން އެކިފަހަރު ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިބަލީގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ބަލި ކޮންޓްރޯލްކުރުމަށް ގެއިން ބޭރަށް ނުގޮސްތިބި އެއްބަޔަކީ ކުޑަކުދިންނެވެ. އެހެންނަމަވެސް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ހާމަކުރެއްވި ތަފާސްހިސާބަށް ބަލާއިރު ޕޮޒިޓިވްވެފައިވާ ކުޑަކުދިން މަދެއް ނޫނެވެ.

ފަނަރަ ހާހަށްވުރެ ގިނަ ޕޮޒިޓިވް މީހުން ރާއްޖޭގައި ތިބި އިރު މީގެތެރެއިން 1،663 ކޭސްއަކީ ޢުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި ޢުމުރުން 18 އަހަރުން ދަށުގެ 1،449 ކުދިންވެސް މީގެތެރޭގައި ހިމެނެއެވެ. ރާއްޖޭގައި އެންމެ ގިނައިން ޕޮޒިޓިވްވަމުން އަންނަނީ ޒުވާނުންނެވެ. ތަފާސްހިސާބަށް ބަލާއިރު މިވަގުތު ތިބި ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 7،495 ކޭސްއަކީ ޢުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. އަދި ޢުމުރުން 49 އަހަރާއި 59 އަހަރާއި ދެމެދުގެ 3،185 މީހުން ތިބިއިރު 60 އަހަރުން މަތީގެ 927 މީހަކުވެސް މިވަގުތު ތިބި ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ތިބި ޕޮޒޓިވް ކޭސްތަކުގެ ތަފާސްހިސާބުގެ ތަފްސީލު އެޗްއީއޯސީއީންވަނީ ހާމަކުރައްވާފައެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 12،013 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 1،371 މީހުންނާއި އިންޑިއާގެ 893 މީހަކާއި ސްރީލަންކާގެ 205 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 174 މީހެކެވެ. އަދި އެހެން ޤައުމުތަކަށް ނިސްބަތްވާ 100އަށްވުރެ މަދު ކޭސްވެސް އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭކަމަށް އެޗްއީއޯސީއިން މަޢުލޫމާދުދެއްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!