އާ ކައުންސިލަރުން ހުވާ ކުރައްވައިފި

ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ.

ގިނަ ކައުންސިލަރުން ހުވާ ކުރެއްވީ އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް ބައެއް ރަށްރަށުގައި ވަނީ އާންމުންނަށް ނުވަދެވޭނެހެން ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ހާޒިރުވެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވާފަ އެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވީ ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމީ ކޮވިޑް 19ގެ ނުރައްކާ މުޅި ރާއްޖެއަށް ވެސް ބޮޑުވެ ބައެއް ރަށްތައް ވެސް ލޮކްޑައުން ކޮށްފައިވާތީ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިހާބުވި މެންބަރުންނަށް މިއަދު ވަނީ މަގާމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

މިއަދު ހުވާކުރެއްްވި ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރަން ފުރުސަތު ލިބޭނެ އެވެ. މީގެކުރިން ކައުންސިލަރުން ހުވާކުރެއްވީ ތިން އަހަރުގެ ދައުރަކަށެވެ.

ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މިއަދު ހުވާކުރެއްވިއިރު ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ވަނީ ދީފަ އެވެ.

ގިނަ ކައުންސިލަރުން ހުވާ ކުރެއްވި ނަމަވެސް ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާތަކަކާ ގުޅިގެން ބައެއް ރަށްތަކުގެ ބައެއް ކައުންސިލަރުން މިއަދު ހުވާކުރައްވާފައެއް ނުވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!