އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ރާއްޖެއިން މިގޮތަށް ގޮވާލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައެވެ.

ސައުދީ އަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި އިޒްރޭލު ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް އަދި ގާޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރެއްވި އެވެ.

ޝައިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްސޯގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ހަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ސަރަޙައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަންނަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، “ޓޫ ސްޓޭޓް ސޮލިއުޝަން”އަށް ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!