އަޝްރާގެ ހިތްދަތި ދިރިއުޅުން، އެންމެން ރޮއްވާލައިފި

ހިތްދަތި، ހިތާމަވެރި އެތައް ކަމެއް ހަޔާތުގައި ތަހައްމަލު ކުރަމުންދާ އަޝްރާގެ ވާހަކަތަކުން އެންމެން ރޮއްވާލައިފިއެވެ. މިއީ ރޭގައި ޓީވީއެމް އިން ގެނެސްދިން ޝޯއެއްގައި އަސްރާގެ އިހުސާސްތަށް ބަންޑުންކޮށްލި ގޮތެވެ.

“ނޯމަލް ލައިފެއް އުޅެލަން ހަމަ އެންމެ ދުވަހެއްވެސް ވާތު” ރޮއެ، ލޯ ރަތްވެފައިވާ އަޝްރާ ހިތްވަރާއެކު ބުނެލިއެވެ.

އެ ވަގުތުކޮޅު ވެގެންދިޔައީ ޝޯގެ ޕްރެޒެންޓާ ނަމްޒާއަށްވެސް ކެތް ނުކުރެވި، އަރު ބެދި، ބަސް ހުއްޓި 30 ވަރަކަށް ސިކުންތު ހޭދަވި ވަގުތުކޮޅަކަށެވެ. އަދި ހަމަ އެއާއި އެކު ޓީވީ ބަލަންތިބި މީހުންގެ ލޯތަށް ފުރިގެން އައެވެ.

ލާ ނޭވާ، ކުޑަ ފުޅިއެއްގައި، ކުޑަ ދަބަހެއްގައި އަބަދުމެ ހަށިގަނޑުގެ އެއްބައިހެން ގެންގުޅޭއިރު، އިންޓަވިއު ކުރިއަށްދިޔަ އިރު މެދުކެނޑުމެއްނެތި އިވެމުން ދިޔަ މަޑު މަޑު “ބީޕް” އަޑަކީ އަޝްރާގެ ނޭވާގެ އަޑެވެ. އަހަރުމެން އާންމު ދިރިއުޅުމުގައި އިމެއް، މިނެއް ހުރަހެއް ނެތި މި ލާ ނޭވާވެސް އަޝްރާ އެ އުޅެންޖެހެނީ، ގައިދުކޮށްފައިވާ ފުޅިއަކާއެކުގައެވެ.

ޕްރޮގްރާމުގައި އަޝްރާ ދިއައީ އެންމެ ކުޑައިރު ވެސް އޭނާގެ ދިރިއުޅުމުގައި ދިމާވަމުންދިޔަ ހިތާމަވެރި ހިތްދަތި އެތައް ކަންތަށްތަކެއް ހިއްސާކުރަމުންނެވެ. ތިން އަހަރު ވީ އިރުވެސް ނުހިނގުމާ، ކުޅެ ދުވެ ހަދަން އުޅޭނެ ހިތްވަރާ ބުންވަރު ނެތުމާ، ބުލީގެ ޝިކާރައަކަށްވުމާ މިކަހަލަ އެތައް ވާހަކަ އެއް އޭނާ ވަނީ މި ޕްރޮގްރާމުގައި ހިއްސާކޮށްފައިއެވެ.

ހަޔާތުގައި ތިންވަނަ ކައިވެންޏެއްގައި ހުރި އަޝްރާ މިއަދުގެ ފިރިމީހާ ސިފަ ކުރަނީ ހަޔާތަށް ދެއްވި ޖަވާހިރެއްގެ ގޮތުގައެވެ. ފިރިއެއްގެ ހައިސިއްޔަތުން، އިންސާނިއްޔަތުގެ އިމެއް މިނެއް ނެތް ޤުބާނީތަކެއް ވަމުން އަންނަ ޔާސިރު އަދިވެސް އުންމީދު ކަނޑާނުލާ މަސައްކަތް ކުރަމުން އެ އަންނަނީ އަޝްރާއަށް އާންމު އިންސާނެއްގެ ދިރިއުޅުން ހަމަ އެންމެ ދުވަހަކަށް ނަމަވެސް ހޯދައިދެވޭތޯއެވެ.

އެއިސެންމެންގާ ސިންޑްރޯމް އާ ހަނގުރާމަ ކުރަމުން އަންނަ އަޝްރާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތާއި މޭގެ ޓްރާންސްޕްލާންޓެއް ހަދައިގެން ކަމުގައިވާއިރު މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑުގެ ހާލަތެވެ. އަބަދުވެސް ފައިސާގެ ދަތިކަން ކުރިމަތިވި ނަމަވެސް އަޝްރާއާއި ޔާސިރު ތިބީކީ އުންމީދު ދޫކޮށްލާ ގޮތަކަށް ނޫނެވެ.

އަޝްރާގެ ހަޔާތުގައި ކުރަން ބޭނުންވެ ނުކުރެވި އެތައް އެތައް ކަމެއް އެބަހުއްޓެވެ. އެއީ އަހަރެމެން އާންމު ދިރިއުޅުމުގައި ހަމަ މިވަގުތު ވެސް ކޮށްލެވިދާނެހާ ކުދި ކުދި ކަންކަން ކަންކަމެވެ. މޫދަށް ދިއުން، ވާރެއާ ތެމިލުން، އޮކްސިޖަން ފުޅިއާ ނުލާ ދިރިއުޅުން މިކަހަލަ އެތައް އެތައް ކުދި ކުދި ކަންކަމެއް ވެފައިމިވަނީ ދިރިއުޅުމުގައި އަޝްރާ ހާސިލުކުރަން ބޭނުންވާ ބޮޑެތި ކަންކަމަށެވެ.

އަޅުގަނޑުމެންގެ ވެސް ދުއާއަކީ، އަޝްރާއަށް، އަޝްރާގެ އޮޕަރޭޝަން ކުރެވި، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުމެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!