އެހެނިހެން ފިޔަވަޅުތަކާއެކު ކާފިއު އިތުރު 14 ދުވަހަށް ދަންމާލައިފި

ކޮވިޑު-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލައިފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މި މަހުގެ ތިން ވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ހަވީރު 4ން ފަތިހު 4ށް ހިންގާ ކާފިއު އާއި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި، މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކުތައް ބަންދުކުރުން ހިމެނެއެވެ.

ހަމައެހެންމެ، އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓު ހޯލްޑަރުން 14 ދުވަހަށް ކަރަންޓީންކުރުމާއި، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި އެ ރަށް ރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން ހިމެނެއެވެ. އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުކުރާނަމަ 10 ދުވަހަށް ކަރަންޓީނުވާން ވެސް އަންގާފައި ވެއެވެ.

އެޗްޕީއޭ އިން މި މަހު ކުރީކޮޅު އެޅި ފިޔަވަޅުތަކާއެކު ވެސް، ރާއްޖޭގައި ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އަދި މި މަހުގެ މިހާތަނަށް، ރެކޯޑު އަދަދަކަށް މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!