ހއ.ދިއްދޫ އާއި ފ.ފީއަލީގައި ކާފިއު ޢިއުލާންކޮށްފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކާފިއު ހިންގާ ރަށްތަކުގެ ލިސްޓަށް ހއ.ދިއްދޫއާއި ފ.ފީއަލި އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ދެރަށުގައި ކާފިއު ޢިއުލާންކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށްކަމަށެވެ. ކާފިއު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށެވެ.

މިދެރަށުގެ އިތުރުން ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުއްޓާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައިވެސްވަނީ ކާފިއު އިޢުލާންކޮށްފައެވެ. ދެކުނުގެ ބޮޑު ދެސިޓީކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކާފިއު ޢިއުލާންކޮށް ކާފިއުގެ ވަގުތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން މިދެސިޓީގައި ހަވީރު 4އިން ފެށިގެން ފަތިހު 4 ޖެހުމާހަމައަށް އަންނަނީ ކާފިއު ތަންފީޒުކުރަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފ.ނިލަންދޫއާއި ގދ.ތިނަދޫގައިވެސް ވަނީ ކާފިއު އިޢުލާންކޮށްފައެވެ.

ކާފިއު ވަގުތުގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުމާއި ކެފޭ ރެސްޓޯރެންޓުގައި ތިބެގެން ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދިޔުން މަނާވާނެއެވެ. ނަމަވެސް އެ ވަގުތުގައި މިފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ޢާއްމުކޮށް ގޮސްގެން ޚިދުމަތް ހޯދާ ހުރިހާ ތަނެއް ބަންދުކުރުމަށް އަންގާފައިވާއިރު ފިހާރަތަކުން އެޗްޕީއޭގެ މިންގަނޑާއެއްގޮތަށް ޚިދުމަތް ދެވޭނެކަމަށް އެ އޭޖެންސީއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!