ފްރެންޑްސް ގެ ރީޔުނިއަން 27 ގައި، ފޭނުން އުފަލުން ފޮޅެނީ!

ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ބަލައިގަނެފައިވާ އެންމެ ކާމިޔާބު އެއް ސިޓްކޮމް ކަމަށްވާ “ފްރެންޑްސް” ގެ ތަރިންނާއެކު ގެނެސްދޭ ރީޔުނިއަން އެޕިސޯޑު މި މަހު 27 ގައި ސްޓްރީމް ކުރާ ގޮތަށް ނިންމައި އެކަން އިޢުލާނުކުރުމުން، ފޭނުން އުފާ ފާޅުކުރަން ފަށައިފިއެވެ.

6 އެކުވެރިންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަން، މަޖާ ގޮތަކަށް ގެނެސްދޭ “ފްރެންޑްސް” އަކީ މީގެ 26 އަހަރު ކުރިން ދައްކަން ފެށި އެމެރިކާގެ ސިޓްކޮމް އެކެވެ. 10 ސީޒަނަކަށް ބަހާލައިގެން ގެނެސްދިން މި ސިީރީޒްގެ އެންމެ ފަހު އެޕިސޯޑު ގެނެސްދިނީ މީގެ 17 އަހަރު ކުރިންނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، “ފްރެންޑްސް” އަކީ އެތައް ބަޔަކު ފޫހިކަމެއްނެތި ފަށަފަށައިގެން ބަލާ ސީރީޒެކެވެ.

“ފްރެންޑްސް: ދަ ރީޔުނިއަން” ގެ ގޮތުގައި ގެނެސްދޭ އެޕިސޯޑުން ކުރީގެ މައިގަނޑު ކާސްޓް އެއްކޮށް ފެންނާނެއެވެ. އެއީ ޖެނިފާ އެނިސްޓަން، ލީޒާ ކުޑްރޯ، ކޯޓްނީ ކޮކްސް، މެޓް ލިބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. މިދިޔަ އަހަރުން ފެށިގެން އެތައް ބަޔަކު އަންނަނީ މިއަށް އިންތިޒާރު ކުރަމުންނެވެ. އެކަމަކު ކުރިން ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވި ރީޔުނިއަންގެ މަސައްކަތް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑް-19އާ ހެދިއެވެ.

އެޗްބީއޯ މެކްސް އިން މި ގެނެސްދޭ އިރު މި ފަހަރު އެ ތަރިންނާ އެކު ގެސްޓް ސްޓާރުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފްޒާއީ ފަދަ މަޝްހޫރު މީސްމީހުން ހިމެނެއެވެ. މިހާރު ވަނީ ރީޔުނިއަން އެޕިސޯޑުގެ ޓީޒާއެއް އާންމުކޮށްފައެވެ.

ޓްވިޓާ ފަދަ މީސްމިޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރު، ގިނަ ބަޔަކު ދަނީ 27 ވަނަ ދުވަހަށް އިންތިޒާރުކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!