އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ. އަދި މި ކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވާނެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވައި މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.

އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް މި ތިން މީހުން ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!