ރައީސް ނަޝީދުގެ ޒަޚަމްތަކުގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާންމުކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާއިލާ އިން މިއަދު މީސްމީޑިއާގައި އާންމުކޮށްފިއެވެ.

މިފޮޓޯތައް އާންމުކޮށްފައިވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީންކަމަށް އެ މަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ. އިބްރާހިމް ނާޝިދު ހާމަކުރައްވައެވެ.

އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނަޝީދުގެ ބަނޑުފުޅު ވަނީ މެޔާ ހަމަޔަށް އެއްކޮށް ފަޅާލައިފައެވެ. އޭޑީކޭ ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަމަލާ ދޭން ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތަކާއި އެހެން ބައެއް އެއްޗެހި ހަށިގަނޑަށް ވަދެ ގޮހޮރު ވެސް އޮތީ ފޫގޮސްފައެވެ. އަދި ގޮހޮރުން ހަށިގަނޑުތެރެއަށް ލީކުވެފައި ވާތީ ސާފުކޮށް ގޮހޮރު ފަހަން ޖެހުނެވެ.

ނަޝީދުގެ މެޔަށް ލިބުނު ޒަހަމްތަކުގައި މޭކަށިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށާއި ހިތާ ދިމާލަށް ވަން ރޭޒާފުކެއް ހިތަށް ނުވަދެ ސަލާމަތްވީ ކަށިގަނޑެއްގައި ޖެހިފައި ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ. އާންމުކުރި ފޮޓޯތަކުގައި ވެސް މޭގެ ވާތްފަރާތަށް ބޮޑެތި ޒަހަމްތަކެއްވެފައިވާ ވާތީ ފެނެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ ހަށިގަނޑުގެ ވާތްފަޅިއެވެ. އެއީ ގޮއްވާލި އައިއީޑީ އަމާޒުވި ފަޅިއެވެ. ވާތްފަރާތު އަރިކައްޓާއި ބަނޑުގެ އަރިމަތިން ވެސް ހުރީ ބޭސް އަޅައިފައެވެ. މީގެ އިތުރުން ނަޝީދުގެ އަތްފައިގެ އެކި ތަންތަނަށް ވެސް ފުން ޒަހަމްތަކެއް ވެ، އެ ތަންތަނުގައި ބޮޑެތި ބޭސްގަނޑުތައް އަޅާފައި ވަނިކޮށް ފޮޓޯތަކުން ފެނެއެވެ.

ފޮޓޯތައް އާންމުކޮށްފައި މި ވަނީ އޭޑީކޭގައި ދިން ފަރުވާތަކަށް ފަހު ނަޝީދު ޖަރުމަނަށް ގެންގޮސް އެ ގައުމުގައި އިތުރު ފަރުވާ ފެށުމަަށް ފަހުގައެވެ.

މޭ 6 ގައި ދިން ޓެރަރިސްޓު ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދިނުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އެންމެ އިސްކަމެއްދީގެން ތަޙުގީގުކުރާ މައްސަލައަށް ޓެރަރިޒަމާ ގުޅުންހުރި މިމައްސަލަ ވާއިރު ޙާމަލާގެ ފަހުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!