އަލީ، ޖޭސްމިން އަށް ދިން ޢީދު ހަދިޔާ

އިންޑިއާގެ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގައި ބައިވެރިވި އަލީ ގޯނީ، އޭނާގެ ލޯބިވެރިޔާ ޖޭސްމިން ބަސީން އަށް ޙާއްސަ ޢީދު ހަދިޔާއެއް ދީފިއެވެ.

“ބިގް ބޮސް” އަށްފަހު މަޝްހޫރުވެގެން ދިޔަ މި ޖޯޑަކީ މިހާރު ގިނަ ބައެއްގެ ލޯބި ލިބި، މީސްމީޑިއާގައި ބޮޑު ފޭން ފޮލޮވިންގ އެއް އޮންނަ ޖޯޑެކެވެ. އެގޮތުން މިދެތަރިންގެ ފޭނުން އެމީހުންނަށް މުޚާތަބުކުރަނީ ‘ޖޭސްލީ’ ގެ ނަމުންނެވެ.

އިންޑިއާގައި މިއަދު ޢީދު ފާހަގަކުރަމުންދާއިރު، އަލީ ޖޭސްމިން އަށް ދިން ޢީދު ހަދިޔާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އެ ހަދިޔާއަކީ، ޖޭސްމިންގެ ނަން ޖަހާފައިވާ ކަސްޓަމް-މޭޑް އަތްދަބަހެކެވެ. އެއީ އަގުބޮޑު ކްރިސްޓިއަން ޑިއޯ ބްރޭންޑުގެ ދަބަހެކެވެ. މިއާއެކު ޖޭސްމިން ވަނީ އަލީއަށް ޝުކުރުއަދާކޮށްފައެވެ.

ޖޭސްމިން އަކީ މަޝްހޫރު ޓީވީ އެކްޓްރެސް އެކެވެ. އޭނާއާއި އަލީގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީ “ބިގް ބޮސް 14” ގައެވެ. އެކަމަކު އޭގެކުރިން ވެސް އެދެމީހުންނަކީ ގާތް ދެ އެކުވެރިންނެވެ. ޖޭސްމިން ބުނީ އޭނާ އަލީއާއި އަލީގެ އާއިލާއާ ގާތް ގުޅުމެއް އޮންނަތާ 3 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ ކަމަށެވެ.

އަލީ އާއި ޖޭސްމިންގެ ވީޑިއޯ ލަވައެއް ވެސް ދުވަސްކޮޅެއް ކުރިން ވަނީ ރިލީޒްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!