ލަންކާއަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެ

ސްރީލަންކާއަށް ދަތުރުކުރާ މީހުން އެ ޤައުމުގައި 14 ދުވަހަށް ކަރަންޓީން ވާންޖެހޭ ގޮތަށް އެ ޤައުމުން ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަސް ނިމެންދެން ސްރީލަންކާއަށް ދާ މީހުން އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ހޮޓަލެއްގައި 14 ދުވަހަށް ކަރަންޓީން ވާންޖެހޭ ކަމަށް އެ ޤައުމުން ނިންމާފައިވާ ކަމަށެވެ. އަދި ކަރަންޓީން ފުރިހަމަ ކުރިޔަސް، ކަރަންޓީނުން ދޫކުރެވޭނީ އެ ޤައުމަށް އެތެރެވާ ދުވަހު ހަދާ ޕީސީއާރު ޓެސްޓާއި ކަރަންޓީނުގެ 11 ވަނަ ދުވަހު އަދި 14 ވަނަ ދުވަހު ހަދާ އެގްޒިޓް ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވުމުން ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެނ ނަމަވެސް ދެ އަހަރުން ދަށުގެ ކުދިން ކަރަންޓީނުން ދޫކުރުމުގައި ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، އިމަޖެންސީ ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީން ވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރު ކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމުން ގިނަ ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!