އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ކަންގަނާ ދިފާޢުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް، ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު ދިފާޢު ކޮށްފިއެވެ.

ޓްވިޓާއިން ބޭރުކޮށްލުމުން މިހާރު އިންސްޓަގްރާމް މެދުވެރިކޮށް ޚިޔާލު ފާޅުކުރަމުންދާ ކަންގަނާ ފަހަކަށް އައިސް ހިއްސާކުރާ ޕޯސްޓުތަކުގައި ބުނަނީ، އިޒްރޭލުން ގާޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަކީ ޓެރަރިޒަމް ނޫން ކަމަށާއި އެއީ “އިސްލާމީ ހަރުކަށި ފިކުރުން” ސަލާމަތްވާން އަމަލުކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކަންގަނާ ބުނި ގޮތުގައި ހަރުކަށި އިސްލާމީ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނީ އިޒުލޭލުން ފަލަސްތީނަށް ދެމުންދާ ފަދަ ހަމަލާތައް ދީގެންނެވެ. އަދި އެފަދަ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ނޫން ކަމަށާއި އެއީ ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރާ މަސައްކަތްތަކެއް ކަމަށްބުނެ ކަންގަނާ ބުނީ އިންޑިއާ ރައްޔިތުން ހޭލަންވެއްޖެ ކަމަށެވެ.

މީގެކުރިން ކަންގަނާ ކުރި ޕޯސްޓުތަކެއްގައި ވަނީ އިޒްރޭލަކީ އިންޑިއާގެ ގާތް އެކުވެރިއެއް ކަމަށްވެސް ބުނެފައެވެ. އެގޮތުން 1999 ގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރެވުނު ކާގިލް ހަނގުރާމައިގައި އިންޑިއާއަަށް އެހީތެރިކަން ފޯރުކޮށްދިނީ އިޒްރޭލު ކަމަށާއި، މިހާރު އޮތް ކޮވިޑް-19 ގެ ހާލަތުގައިވެސް އިޒްރޭލުން އިންޑިއާއަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކަންގަނާގެ ވާހަކަތައް މިހެން ހުއްޓަސް، އޭނާގެ ޕޯސްޓުތަކަށް ކޮމެންޓުކުރާ ގިނަ މީހުން ވަނީ އޭނާއާ ދެކޮޅަށް ވާހަކަދައްކައިފައެވެ. އަދި އިޒްރޭލު ފަދަ އަނިޔާވެރި ބައެއްގެ ދިފާއުގައި ވާހަކަދައްކާތީ، ގިނަ ބަޔަކު ދަނީ ކަންގަނާއަށް ފާޑުކިޔަމުންނެވެ.

ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރި މީހުންގެ ތެރޭގައި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރުފާން ޕަތާން ހިމެނެ އެވެ. އޭނާ ބުނީ ކަންގަނާ ފަދަ މީހުންނަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން އުޅޭ ބައެއް ކަމަށެވެ.

މި ނޫނަސް، ގިނަ ބަޔަކު ދަނީ ޓްވިޓާގައި ކަންގަނާއާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!