އުދައަރައި އުތުރުގެ ރަށްތަކަށް ގެއްލުންވެގެން އެހީތެރިކަން ފޯރުކޮށްދެނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، އުތުރުގެ ބައެއް ރަށްތަކަށް އުދައަރައި އެކިވަރުގެ ގެއްލުންތައް ލިިބިގެން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިއަދު އުދައެރި ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނާއި، ހަމަ އެ އަތޮޅު ހޯރަފުއްޓާއި އުލިގަމާއި އަދި ދިއްދޫ  ހިމެނެއެވެ.މީގެ އިތުރުން ށ. މިލަންދޫ އާއި އެ އަތޮޅު ކޮމަންޑޫ އަދި އަދި ފުނަދޫ ވެސް ހިމެނެއެވެ. ރ. ވާދޫ އަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައަރައިފައެވެ. މީގެ އިތުރުން ވެސް ބައެއް ރަށްރަށް އުދައިގައި ގެއްލުން ވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ބައެއް ރަށްތަކުން ފެން ހިންދުމުގެ މަސައްކަތްތައް ފަށާފައިވާއިރު ގޭގެއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) މިހާރު ވަނީ ފަށައިފައެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަތު ފިކުރީ ވިދާޅުވީ، އުދައިގެ ސަބަބުން ގޭގެއަށް ފެން ވަންނަމުން ދިޔަނަމަވެސް، ގެއަކަށް ބޮޑު ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ބައެއް ގެތަކާއި، ބައެއް ޚިދުމަތްދޭ ތަންތަނަށް ގެއްލުންވެގެންވަނީ އެހީތެރިކަން ދީފައެވެ. އަދި ހޯރަފުއްޓަށްވެސް އުދައިގެ ގެއްލުންތައް ދަނީ ވަރަށް ބޮޑަ ށްކުރިމަތިވަމުންނެވެ. ޚާއްސަކޮށް އެރަށުގެ އެއަރޕޯޓް ސަރަޙައްދަށް ވަނީ ގެއްލުންވެފައެވެ.

އުދައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ހޯރަފުށިންނެވެ. މިއަދު ހެނދުނުން ފެށިގެން އެ ރަށު އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ވަރަށް ބޮޑަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ.

ހދ. ކުޅުދުއްފުށީގެ ގެއެއްގެ ފުރާޅު އެއްލައިލައިގެން އެންޑީއެމްއޭ އިން ވާނީ އެމްއެންޑީއެފްގެ އެހީގައި މިހާރު އެ ގޭގައި ވަގުތީ ގޮތުން ފުރާޅެއް ލައިދީފައ ކަމަށް ފިކުރީ ވިދާޅުވިއެވެ. އަދި އުދައަރާ ބައެއް ރަށްރަށުގެ ގޭގޭގައި ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް ވެސް އެހީވަމުންދާ ކަން ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށް ދުރާލާ ތައްޔާރުވެ ތިބުމަށާއި އަދި ފެން ޖެހިގެން ހަލާކު ވެދާނެ ފަދަ ތަކެތި ފެންނުޖެހޭ ފަދަ ތަންތަނަށް ބަދަލުކުރުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ.

އުތުރުގެ އަތޮޅުތަކަށް މެޓުން ވަނީ އަނެއްކާވެސް އޮރެންޖު އެލާޓް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!