ރަމަޟާން މަސް ނިމުން ނަމަވެސް ދެމި ތިބެންވީ ހެޔޮ އަމަލު ކުރުން މަތީ: ހުތުބާ

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި އަލްވަދާއުކީ ނަމަވެސް، ރަމަޟާން މަސް ނިމުން ނަމަވެސް ދެމި ތިބެންވީ ހެޔޮ އަމަލު ކުރުން މަތީ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ހެޔޮ އަމަލު ކުރުން މަތީ ދެމި ތިބުމުގެ މުހިއްމުކަން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ކޮންމެ ރަމަޟާން މަހެއްވެސް ބައެއް މުސްލިމުން ހޭދަކުރަނީ ނަމާދުގެ ޖަމާއަތަށް ރައްކާތެރިވެ، ގިނަގިނައިން ގުރްއާން ކިޔަވާ، ހެޔޮ ފޯރުވާ އުޅުމަށް ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. ނަމަވެސް ރަމަޟާން މަސް ނިމުމަކަށް އައުމާއެކު، މި ކަންކަމަށް ފަރުވާ ކުޑަކޮށް، ފާފަތަކަށް އަރައިގަންނަކަމީ އަހަރެމެން ވިސްނަން ޖެހޭ ކަމެއްކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ރަމަޟާން މަހަކީ މުޅި އަހަރު ތެރެ ކުރެވޭ ފާފަތައް ފޮހެލުމަށް މާތް ﷲ ދެއްވަވާފައިވާ ރަނުގެ ފުރުސަތަކަށް ވާއިރު، ރަމަޟާން މަސް ނިމުމުންވެސް ދެމިތިބެންވީ ހެޔޮއަމަލު ކުރުން މަތީގައި ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އަޅުން ކުރާ ހެޔޮ އަމަލުތައް މާތް ﷲ ގަބޫލް ކުރެއްވިކަމުގެ ނިޝާންތަކެއް ވާކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އެ ނިޝާންތަކަކީ، ހެޔޮ އަމަލުތައް ދޫނުކޮށްލާ، ފާފަތަކަށް އަރައި ނުގަނެ ހުރުމެވެ. އަދި އިތުރު ހެޔޮ އަމަލު ކުރުމުގެ ތައުފީހު މަތީ ދެމި ހުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ރަމަޟާން މަސް އަހަރެމެންނާއި އަލްވަދާއު ކިޔާފައިވީނަމަވެސް، އިސްލާމް ދީނުގައި އަހަރެމެންނަށްޓަކާ ލައްވާފައިވާ ހެޔިކަމުގެ ފުރުސަތުތައް ގިނަކަން މިއަދުގެ ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. 

އޭގެތެރެއިން އެންމެ މުހިއްމު އެއް ފުރުސަތަކީ މި ހިނގާ ޝައްވާލް މަހުގެ ހަ ރޯދަ ކަމަށާއި، ހަރޯދަ ހިފުމަށް އެންމެ އިތުރު ގޮތަކީ ޝައްވާލު މަހު ދެވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ހަ ދުވަހު ރޯދަ ހިފުން ކަމަށް މިއަދުގެ ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް ޝައްވާޅުމަހުގެ ހަ ރޯދައަކީ، ޝައްވާލު މަހުގެ ކޮންމެވެސް ހަ ދުވަހެއްގައި، ވަކިވަކިން ހިފި ނަމަވެސް ފުދޭނެ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. 

މީގެ އިތުރުން މެދުފޮއި ރޯދަ، ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޯދަ، އަރަފާތް ދުވަހުގެ ރޯދަ އަދި އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ގިނަގުނަ ދަރުމައާއި ސަވާބު ލިބިންގެންވާ ކަމެއް ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!