ކޮވިޑް ޖެހިގެން އިތުރު 3 މަރު

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު 3 މީހަކު ނިޔާވެއްޖެއެވެ. މި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދެ މީހަކާއި 64 އަހަރުގެ މީހެކެވެ.

މި ތިން މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ތިން މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 90 އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ބަލި ހަލުވިކޮށް ފެތެރެން ފަށައި ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިވަނީ 1000 ހުރަސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!