ކޮވިޑުން ރައްކާތެރިވުމަށް އައްޑޫ އާއި ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި

ކޮވިޑް-19ން ރައްކާތެރިވުމަށް އައްޑޫ އަދި ފުވައްމުލައް ސިޓީގައި ކުރިން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލުގެނެސް، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ 13 މެއިން ފެށިގެން މި ދެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މައިގަނޑު 12 ފިޔަވަޅެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ.

އަޅާ ފިޔަވަޅުތަކަކީ:

– ހަވީރު 6ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

– ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން

– އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދިއުން ހުއްޓާލުން

– ފުވައްމުލައް ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދިއުން ހުއްޓާލުން

– އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

– އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން

– ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން

– ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

– ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން

– ފިހާރަތަކުން ޚިދުމަތްދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން

– ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން

– ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން (މީގެތެރޭގައި ޓޭކްއަވޭގެ ޚިދުމަތްތައް ނުހިމެނޭ)

މިފިޔަވަޅު ތަކުން އިސްތިސްނާވާނީ 5 ފަރާތެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި، އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއިި އެމްބިޔުލެންސް އެވެ. އަދި މިދެރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަރޖެންސީކޮށް ސިއްހީ ޚިދުމަތްދޭންޖެހޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މެއި 7 ވަނަ ދުވަހުން ފެށިގެން ދަނީ ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. 

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!