ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ނިކުމެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، އެމްބާ އަށް ބަދަލުކޮށްފަ އެވެ.

ދައުލަތުގެ މުހިއްމު އިދާރާތަކުގެ ސެކިއުރިޓީ ވެސް މިވަގުތު ބަލަހައްޓަމުން ގެންދަނީ ހަތިޔާރު އެޅި ސިފައިންނެވެ.

ހަމަލާއާއި ގުޅިގެން މިއަދު ހެނދުނާ ހަމައަށް ރައީސް ނަޝީދަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

އެކަމަކު ޖަރުމަނު ސަރުކާރުން ހަމަޖައްސައިދިން އެއާ އެމްބިއުލާންސެއްގައި ރައީސް ނަޝީދު މިއަދު ވަނީ އެގައުމަށް ފުރާވަޑައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!