ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބުތައް ދޭން ޖެހޭ: އީދު ހުތުބާ

ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް ހަރުކަށި އަދަބު ދެވެންޖެހޭކަމަށް ފިތުރު ޢީދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢީދު ޚުތުބާގައި ވަނީ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ނުދެވިއްޖެނަމަ މުޖުތަމަޢު ނާމާންވެ ބިރުވެރިކަން އާއްމުވެދާނެކަމަށެވެ.

ފިޠުރު ޢީދުގެ ޚުތުބާގައި ވަނީ މި އުފާވެރި ދުވަސް ފަހަގަކުރަމުންދާއިރު އިސްލާމީ އަޤީދާ އަކީ ހުރިހާ މުސްލިމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައިވަންތަކަމުގެ ތަނބުކަން ހަނދާނުގައި ބެހެއްޓުމަށް ގޮވާލާފައެވެ. އަދި ޖީލަކަށްފަހު ޖީލަކަށް މި މަތިވެރި އަޤީދާ ފޯރުކޮށްދީ ޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޒުމް އާކުރުމަށް ވަނީ ގޮވާލައްވާފައެވެ. މި އަޤީދާ ފުނޑުފުނޑުކޮށްލުމަށްޓަކައި ފިކުރީ ގޮތުން އެތަކެއް މަސައްތައްތައް ކުރަމުންދާކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެފަދަ ކެހިވެރި ރޭވުންތަކުށް މާތް ﷲ އަޅަމެންގެ ދީން ރައްކާތެރި ކުރެއްވުން އެދި ދުޢާކޮށްފައެވެ.

ޚުތުބާގައި ވަނީ ނިމިގެން ދިޔަ ރަމަޟާންމަހު ޒުވާނުން ދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެ މަތީގައި ނަމާދާއި އެހެނިހެން އަޅުކަންތަކަށް ފަރުވާތެރިވިފަދައިން އެހެން މަސްމަހުގައިވެސް އެ ނަމޫނާ ދެއްކުމަށް ގޮވާލައްވާފައެވެ.

ޚުތުބާގައި ވަނީ މައިންބަފައިންނާއި އަނބިދަރިންނަށް އޯގާތެރިވެ ހެޔޮބަސް ބުނުމުގައި ދެމިހުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މިއަދު މުސްލުމުން ޢީދު ފާހަގަކުރަމުން އަންނައިރު ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން ކުރުމަށް ގޮވާލާ އިސްލާމީ އުއްމަތަށް ނަޞްރު ދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށްވެސް ގޮވާލާފައިވެއެވެ. ޚުތުބާގައި ވަނީ އިސްލާމް ދީނަކީ ސަލާމަތާއި އަމާންކަމުގެ ދީންކަމަށާއި، އަނިޔާވެރިކަމާއި ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ އަނިޔާވެރި އަމަލުތަކުން އިސްލާމްދީން ބަރީއަވެގެންވެއެވެ.

ފިތުރު ޢީދުގެ ޚުތުބާ ނިންމަވާލައްވަމުންވަނީ މިއަދު ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުން އަޅަމެން ސަލާމްތކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި ސިއްޙީ ޚިމަތްތެރިން ދޭ އިރުޝާދުތަކަށް ތަބާވެ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވަފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!