ޝިލްޕާގެ ޙާއްސަ ސްމޫތީ ތައްޔާރުކުރާނެ ގޮތް

ޝިލްޕާ ޝެޓީއަކީ 1990 ގެ ފަހުކޮޅުން ފެށިގެން 2000 ބޮލީވުޑްގައި ގަދަޔަށް ވިދައިލި ބަތަލާއެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭނާގެ ޒުވާންކަމާއި ރީތިކަމަށް ބަދަލެއް ނައިސް ހުންނަކަމީ އެތައް ބަޔަކު ހައިރާންކުރުވާ ކަމެކެވެ.

ދެކުދިންގެ މަންމަ ކަމުގައިވާ ޝިލްޕާއަކީ ދުޅަހެޔޮ ސިއްހަތާއި ފިޓްނެސް އަށް ވަރަށް ބަލައިގެން އުޅޭ ތަރިއެކެވެ. ކެއުންބުއިން ވަކި ގޮތަކަށް ބަހައްޓައި، ޤަވާއިދުން ކަސްރަތުކުރުމަކީ އޭނާގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ހަމައެހެންމެ، ޝިލްޕާ އަންނަނީ މީސްމީޑިއާ މެދުވެރިކޮށް ފިޓްނެސް އާއި ޑައިޓް ޓިޕްސް އާންމުންނާ ވެސް ހިއްސާކުރަމުންނެވެ.

އޭގެތެރެއިން މިފަހަރު ކިޔައިދޭން މިއުޅެނީ، ޝިލްޕާ ހެނދުނުގެ ނާސްތާގެ ގޮތުގައި ޚިޔާރުކުރާ ދުޅަހެޔޮ ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ. މި ނާސްތާގެ ނަމަކީ “މާމެއިޑް ސްމޫތީ ބައުލް” އެވެ. މިއީ ތަފާތު މޭވާގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ.

އެންމެފުރަތަމަ ކިވީ، ދޮންކެޔޮ، އަލަނާސި ކުދިކޮށް ކޮށާފައި މިކްސަރަށް އަޅާނީއެވެ. އަދި އޭގެތެރެއަށް ބްލޫބެރީކޮޅެއް އަޅައިލުމަށްފަހު ހުރިހާ އެއްޗެއް އެކީ މިކްސަރުގައި މުގުރާލާނީއެވެ. ހުރިހާ މޭވާއެއް ރަނގަޅަށް ޗަސްވެ ޕޭސްޓުގަނޑެއް ހެދުމުން، އޭގެތެރެއަށް އެއް ޖޯޑު އާމަންޑް މިލްކާއި 2 މޭޒުމަތީ ސަމުސާ މާމުއި އަޅާފައި އަނެއްކާވެސް މިކްސަރު ޖައްސާނީއެވެ. ރަނގަޅަށް އެއްވުމުން ކުޑަ ބޯތަށްޓަކަށް އަޅާފައި ބްލޫބެރީ އާއި އާފަލު ފޮތި އަދި ފްލެކްސްސީޑް ފަދަ އެއްޗެހިން ގާނިޝް ކޮށްލާފައި ކާން ފަށަންވީއެވެ.

މިއީ ދުވަހުގެ ފެށުމަށް ވަރަށް ފައިދާހުރި ކާނާއަކަށް ވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!