ލިސްޓުގައި އޮތް ހުރިހާ އެންމެންނަކީ ކުށްވެރިންނެއް ނޫން: އޭއާރުސީ

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގައި ތިއްބެވި އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނުނިންމުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އެދިވަޑައިގެންފި އެވެ.

އަސްއަދު “މިހާރު” އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައި އޮތް ދެ ލިސްޓަކީ ވެސް، ކޮމިޝަނުން މަޖިލީހަށް ފޮނުވި ދެ ލިސްޓް ކަމަށެވެ. އަދި އެ ދެ ލިސްޓްގައި، ބައެއް ނަންތަކާ ދިމާލުގައި މައުލޫމާތު އެއްކޮށް، ތަހުގީގުކުރަމުންދާ ކަމަށް ލިޔެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ލިސްޓުން އަދިވެސް މީހުން އުނިވެ، އިތުރުވުމަކީ އެކަށީގެންވާ ކަމެކޭ،” އޭނާ ވިދާޅުވި އެވެ.

“މީގެ ތަހުގީގުގައި މީހުންނާ ސުވާލު ކުރީމަ އެނގޭ އިތުރު ކަންތައްތަކުން ބައެއް މީހުން މި ލިސްޓުން އުނި ވެސް ވެދާނެ އަދި އިތުރު ވެސް ވެދާނެ. އަނެއްކާ އަޅުގަނޑުމެންނެއް ނޫން ނިންމާނީ ކުށް ކުރިކަން. އެކަން ނިންމާނީ ކޯޓުން.”

ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ލިސްޓު މަޖިލީހަށް ހިއްސާ ކޮށްފައެވެ. އަދި އެ މައްސަލަ ދިރާސާ ކުރަމުން ގެންދިޔަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އާއި ޖުޑީޝަރީ ކޮމެޓީ ގުޅިގެން މިއަދު ވަނީ މައްސަލައިގެ ރިޕޯޓު ނިންމާ އާއްމު ކޮށްފައެވެ.

އެ ރިޕޯޓާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ދިން ލިސްޓުވެސް އާއްމު ކޮށްފައިވެއެވެ. އެ ލިސްޓުގައި މިވަގުތުވެސް އެކިއެކި މަގާމުތަކުގައި ތިއްބެވި 119 މީހެއްގެ ނަން އެބައޮތެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ 16 މެންބަރަކާއި ސަރުކާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!